
ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ގަވާއިދު އިއުލާންކޮށްފި: ހިލާފުވާ ފަރާތްތަކަށް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖޭގެ ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަށްޓަކައި، އެކަމާ ގުޅޭ ގޮތުން އަމަލުކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި އިއުލާންކޮށްފި އެވެ. މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ލިބިގެންވެ އެވެ. މިއީ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިދާޅުވެ އެވެ.
ގަވާއިދުގެ ގާނޫނީ ބިންގާ އާއި މަގްސަދު
މި ގަވާއިދު އެކުލަވާލާފައިވަނީ ކުނި މެނޭޖްކުރުމުގެ ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ލިބިދޭ ބާރުގެ ބޭނުންކޮށެވެ. މީގެ މަގްސަދަކީ ރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހުތިޔާރުގެ ދަށުން ނެރޭ ގަރާރުން މަނާކޮށްފައިވާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އުފެއްދުން ނުވަތަ އެތެރެކުރުން ނުވަތަ ބާޒާރަށް ނެރުން ހުއްޓުވުމެވެ. މި ގަވާއިދު ތަންފީޒުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު ހަވާލުކުރެވިފައިވަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީއާއި، އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ) އާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއެވެ.
ފޭސްއައުޓް ޕްލޭން އެކުލަވާލުން
ގަވާއިދުގައިވާ ގޮތުން، ރާއްޖޭގައި ބޭނުންކުރާ ޕްލާސްޓިކުގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކް 2030 ގެ ނިޔަލަށް މަދުކުރުމަށްޓަކައި، އެކަމާ ގުޅޭ ފޭސްއައުޓް ޕްލޭނެއް މިނިސްޓްރީން އެކުލަވާލައި، ގަވާއިދަށް އަމަލުކުރަން ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެ އެވެ. މި ޕްލޭން އެކުލަވާލުމުގައި، ޕްލޭނުގައި ހިމެނޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަދުކުރުމުގެ ސަބަބުން ތިމާވެއްޓާއި އިގްތިސާދަށް ކުރާނެ އަސަރަށް ރިއާޔަތްކުރުމަށް ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން، ކަމާ ގުޅޭ އެންމެހާ ފަރާތްތަކުގެ މަޝްވަރާއާއި، ބަދަލުގައި ބޭނުންކުރެވޭނެ އެހެން ތަކެތި ލިބެން ހުރި މިންވަރަށް ވެސް ރިއާޔަތްކުރަން ޖެހޭނެ އެވެ.
ހޭލުންތެރިކުރުމުގެ ޕްރޮގްރާމް
ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި، މިނިސްޓްރީން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ރާވައި ހިންގަން ވާނެ ކަމަށް ގަވާއިދުގައި ބަޔާންކުރެ އެވެ. މި ޕްރޮގްރާމުގައި ހިމެނެންޖެހޭ މުހިންމު ކަންތައްތަކުގެ ތެރޭގައި:
ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތް މަނާކުރަން ކަނޑައެޅުނު ސަބަބުތައް؛
މަނާކުރަން ހިމަނާފައިވާ ބާވަތްތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެ ތަކެތި؛ އަދި ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަނާކުރަން ކަނޑައަޅާފައިވާ ތާރީހުތައް ދުރާލައި ހަނދާންކޮށްދޭނެ ގޮތްތައް ހިމެނެ އެވެ.
ގަވާއިދު ނުހިނގާ ތަންތަން
މި ގަވާއިދުގައި ބައެއް ކަންކަމަށް އިސްތިސްނާ ދީފައިވެ އެވެ. އެއީ:
ބައިނަލްއަގްވާމީ އެއާލައިންތަކުގައި ޝިޕްސްޓޯގެ ގޮތުގައި ބޭނުންކުރުމަށް ގެންނަ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް.
ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުން ޑިއުޓީ ފްރީ ފިހާރައިގެ ސަރަހައްދުގައި ބޭނުންކުރުމަށް ގެންނަ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް.
ޕްލާސްޓިކް ކޮތަޅުގެ ބޯމިން ބެލުމުގެ އުސޫލު
ރައީސްގެ ގަރާރުން މަނާކުރާ ޕްލާސްޓިކް ކޮތަޅުގެ ތެރެއިން، އެފަދަ އެއްޗެއް އެތެރެކުރާ މަރުހަލާ އާއި ބާޒާރަށް ނެރޭ މަރުހަލާގައި އެފަދަ ތަކެއްޗަކީ މަނާ ބާވަތުގެ އެއްޗެއްކަން ކަށަވަރުކުރުމަށް ކޮތަޅުގެ ދިގުމިނާއި ފުޅާ މިން ދެނެގަތުމަށްޓަކައި ކޮތަޅު މިންކުރާނެ ގޮތުގެ އުސޫލެއް ވެސް ގަވާއިދުގައި ހިމަނާފައިވެ އެވެ. ކޮތަޅުގެ ސައިޒް މިންކުރުމުގައި، ކޮތަޅުގެ ބޯމިން ދެނެގަތުމަށްޓަކައި، އެ ކޮތަޅު މިންކުރާނީ ކޮތަޅުގެ އެއް ފުށުގެ ބޯމިނުންނެވެ. އަދި ކޮތަޅުގެ އެއް ފުށުގެ ބޯމިން ކަމުގައި ބެލެވޭނީ ކޮތަޅުގެ ކޮންމެވެސް ހަތަރު ތަނަކުން މިންކުރުމަށް ފަހު އެ އަދަދުތަކުގެ އެވަރެޖް އަދަދަށެވެ. މިގޮތަށް މިންކުރުމުގައި ކޮތަޅުގެ އަތްގަނޑާއި ކަންކަނާއި އަރިމައްޗެއް ނުހިމެނޭނެ އެވެ. ކޮތަޅުގެ ބޯމިން ދެނެގަތުމަށް ބޭނުންކުރާ އާލާތަކީ މައިކްރޯނުން މިންކުރުމަށް ބޭނުންކުރާ ފަދަ ޚާއްސަ އާލަތަކަށްވާންޖެހޭނެ އެވެ.

ގަވާއިދު ތަންފީޒުކުރުމާއި ޖޫރިމަނާ
ސިންގަލް ޔޫސް ޕްލާސްޓިކު އުފައްދާ އަދި ބާޒާރަށް ނެރޭ ފަރާތްތަކުން އެ ގަވާއިދަށް އަމަލުކުރޭތޯ ބެލުމަށް އެތަކެތި އުފައްދާ އަދި ބާޒާރަށް ނެރޭ ތަންތަނަށް ބަލައިފާސްކުރުމުގެ އިހްތިޔާރު އީ.އާރު.އޭ އަށް ނުވަތަ އެ އޮތޯރިޓީން ކަނޑައަޅާ ފަރާތްތަކަށް ލިބިގެންވެ އެވެ. އެތަންތަން ޗެކްކޮށް އެކުލަވާލާ ރިޕޯޓަށް ބިނާކޮށް ފިޔަވަޅު އެޅުމުގެ ބާރު ވެސް އޮތޯރިޓީއަށް ލިބިގެންވެ އެވެ.
ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު ނަސޭހަތްތެރިވާނެ އެވެ. އަދި ދެވަނަ ފަހަރާއި އޭގެ ފަހުން ގަވާއިދާ ހިލާފުވުން ތަކުރާރުކޮށްފި ނަމަ، އެކަމެއް ތަކުރާރުނުކުރުމަށް ނަސޭހަތްތެރިވުމުގެ އިތުރުން، އެތެރެކޮށްފައިވާ އެއްޗެއް ނުވަތަ އުފައްދާފައިވާ އެއްޗެއް ނުވަތަ ބާޒާރަށް ވިއްކަން ނެރޭ އެއްޗެހީގެ އަދަދަށް ބަލައި، ކޮންމެ އެއްޗަކަށް 150ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރާނެ އެވެ. ނަމަވެސް، މި މާއްދާގެ ދަށުން ޖޫރިމަނާގެ އަދަދު 100،000ރ. އަށް ވުރެ ގިނަވެގެން ނުވާނެ އެވެ.
ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަށް އަމާޒުކޮށް މި އެކުލަވާލި ގަވާއިދަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ. މިއީ ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރުމަށް، ރައްޔިތުންނާއި ވިޔަފާރިތަކުގެ އެއްބާރުލުން ވަރަށް މުހިންމު މަސައްކަތެކެވެ.



