
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖު އަތުލައިގަނެފި
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ކަސްޓަމްސްއަށް ބެލެވިގެން، މި ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއް ގައެވެ.
މި އޮޕަރޭޝަންގައި ކަސްޓަމްސްއިން ވަނީ ހާހަކަށްވުރެން ގިން ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް އަތުލައިގަނެފި އެވެ.
ކަސްޓަމުން ބުނި ގޮތުގައި، މި އޮޕަރޭޝަންގައި ބަލައިފާސްކުރި ޝިޕްމަންޓުގެ ތެރެއިން ވޭޕް ކާޓްރިޖާއި ޑިވައިސްތައް ފެނިފައިވަނީ ވަރަށް ބޮޑަށް ފޮރުވާފައި ހުއްޓަ އެވެ. އެގޮތުން މި ތަކެތި ހުރީ ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެ ތެރޭގައި ފޮރުވާފައި ކަމަށް ކަސްޓަމްސްއިން ބުނެފައިވެ އެވެ. އަތުލައިގަނެވުނު މި ހުރިހާ ތަކެތި މިހާރު ހުރީ ކަސްޓަމްސްގެ ބެލުމުގެ ދަށުގަ އެވެ.
މި މައްސަލަ ކަސްޓަމުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، އަތުލައިގަނެވުނު ވޭޕް ކާޓްރިޖްތަކުގެ އަގު 380,000 ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށާއި، އަދި ވޭޕް ޑިވައިސްތަކުގެ އަގު 20,000 ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ކަސްޓަމުން ވަނީ 10,800 ވޭޕް ކާޓްރިޖް އަތުލައިގަނެފަ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާއެކު، 15 ނޮވެމްބަރު 2024 އިން ފެށިގެން ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެ އެތެރެކުރުމަކީ މަނާކަމެކެވެ. މި ގާނޫނާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން ވޭޕް އެތެރެކުރާ ފަރާތްތައް 50,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭއިރު، އެތެރެކުރި ކޮންމެ އާލާތަކަށް އިތުރު 10,000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ އެވެ. މީގެ އިތުރުން ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، އަދި ހިލޭ ދިނުމަކީވެސް މިހާރު ގާނޫނީ ގޮތުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ކުށްތަކެކެވެ.



