ރާޅު މީޑިއާ – ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑު
ރާޅު މީޑިއާގެ ނޫސްވެރިންގެ މަސައްކަތް ބިނާވެގެންވަނީ އިސްލާމްދީނުގެ އަޞްލުތަކާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ އެންމެ މަތީ މިންގަނޑުތަކުގެ މައްޗަށެވެ. އަޅުގަނޑުމެންގެ ނޫސްވެރިން އަބަދުވެސް އިސްކަންދޭނީ ތިރީގައިވާ ތިން އަސާސަށެވެ:
ޙަޤީޤަތް ބަޔާންކުރުން
އިންސާފުވެރިވުން
މިނިވަންކަމާއެކު މަސައްކަތްކުރުން
އަޅުގަނޑުމެން ހިފަހައްޓާނެ މިންގަނޑުތައް:
ސައްޙަ މަޢުލޫމާތު: ޚަބަރު ފޯރުކޮށްދޭނީ ވީ އެންމެ ބޮޑަށް ޙަޤީޤަތާ އެއްގޮތަށެވެ. ޔަޤީންކަމެއް ނެތް މަޢުލޫމާތު ޝާއިޢެއް ނުކުރާނެއެވެ.
ސިޔާސީ ނުފޫޒުން އެއްކިބާވުން: ރާޅު މީޑިއާގެ ނޫސްވެރިން ސިޔާސީ އެއްވެސް ޕާޓީއެއްގެ ހަރަކާތްތަކުގައި ބައިވެރިއެއް ނުވާނެއެވެ. އަދި ސޯޝަލް މީޑިއާގައިވެސް ވަކި ސިޔާސީ ފިކުރަކަށް ތާއީދުކޮށް ނުފޫޒު ފޯރުވުމުން އެއްކިބާވާނެއެވެ.
މަސްދަރު ހާމަކުރުން: މަޢުލޫމާތު ދޭ ފަރާތުގެ ނަން ސިއްރުކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، މަޢުލޫމާތުގެ މަސްދަރު ސާފުކޮށް ބަޔާންކުރާނެއެވެ.
ޒާތީ ދިރިއުޅުމަށް އިޙްތިރާމްކުރުން: މީހުންގެ ޒާތީ ވާހަކަތައް އާއްމުކުރާނީ މުޖުތަމަޢުގެ މަޞްލަޙަތު އޮތް މިންވަރަށް ބަލައިފައެވެ.
ރިޝްވަތާއި ނުފޫޒު: ޚަބަރެއް ލިޔުމަށް ނުވަތަ ނުލިޔުމަށް ބާރުއަޅާ އެއްވެސް ބާވަތެއްގެ ހަދިޔާއެއް ނުވަތަ ރިޝްވަތެއް ނޫސްވެރިން ގަބޫލެއް ނުކުރާނެއެވެ.
ކުޑަކުދިންގެ ރައްކާތެރިކަން: ކުޑަކުދިންނާ ގުޅޭ ޚަބަރުތައް ގެނެސްދިނުމުގައި އެކުދިންގެ ވަނަވަރު ސިއްރުކޮށް، ކަރާމާތް ހިފަހައްޓާނެއެވެ.
ކުށް އިޞްލާޙުކުރުން: ޝާއިޢުކުރެވުނު ލިޔުމެއްގައި ކުށެއް އޮތްކަން އެނގިއްޖެނަމަ، ވީ އެންމެ އަވަހަކަށް އެކަން އިޞްލާޙުކޮށް ކިޔުންތެރިންނަށް ހާމަކުރާނެއެވެ.