16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ރައީސް މުޢިއްޒު ނިންމަވައިފި
ރާއްޖެ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ރައީސް މުޢިއްޒު ނިންމަވައިފި

ނނާޒިމް
June 1, 2026

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް މިއަދު އިއުލާނުކުރައްވައިފިއެވެ. މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އެކުދިންނަށް ސޯޝަލް މީޑިއާއިން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ދުރުކުރުމަށްޓަކައި މިފަދަ ހަރުކަށި ފިޔަވަޅެއް އެޅުއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ނިޒާމަކަށް ބިނާކޮށް

ރައީސް މުޢިއްޒު ވިދާޅުވީ ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި މި ނިންމުން އަމަލީގޮތުން ތަންފީޒުކުރަން ފަށާނެކަމަށެވެ. މި ގާނޫނު ތަންފީޒުކުރުމުގައި އޮސްޓްރޭލިއާގައި އޮތް ފަދަ ނިޒާމެއް ރާއްޖޭގައި ގާއިމްކުރުމަށް މަސައްކަތްކުރާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޮސްޓްރޭލިއާއަކީ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ވަރަށް ހަރުކަށި ގާނޫނުތަކެއް ތަންފީޒުކޮށްފައިވާ ގައުމެކެވެ. ރައީސް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ގާނޫނުތައް ތަންފީޒުކުރުމުން ލިބުނު ކާމިޔާބީތަކާއި ނާކާމިޔާބީތަކަށް ބަލާފައި، ރާއްޖެއަށް އެންމެ އެކަށީގެންވާ ގޮތަކަށް މިކަން ކުރިއަށް ގެންދާނެކަމަށެވެ.

މުޅި މުޖުތަމައުގެ އެއްބާރުލުން މުހިންމު

ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިފަދަ ގާނޫނެއް ތަންފީޒުކުރުމަށް މުޅި މުޖްތަމައުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެކަމަށެވެ. އެގޮތުން، ބެލެނިވެރިންނާއި، ސްކޫލުތަކާއި، އަދި ކުޑަކުދިންނާ ގުޅުންހުރި އެހެން މުއައްސަސާތަކުގެ ބައިވެރިވުން ވަރަށް މުހިންމުކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިކަމާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް އޮތްތަނުގައި ހުރިހާ ފަރާތްތަކާ ގުޅިގެން ރާވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ފިޔަވަޅަކީ ކުޑަކުދިންގެ ނަފްސާނީ، އިޖުތިމާއީ އަދި ޖިސްމާނީ ސިއްހަތަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް އުންމީދުކުރެވޭނެ ކަމެއް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މިސާލުތަކާއި ފިލާވަޅުތައް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމާ މެދު ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށް، ގާނޫނީ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރެވެއެވެ. ދުނިޔޭގައި އެންމެ އާބާދީ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑޮނޭޝިއާ އާއި ޗައިނާގެ އިތުރުން އޮސްޓްރޭލިއާއިން ވަނީ އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ހަރުކަށި ގާނޫނުތަކަށް އަމަލުކުރަން ފަށާފައެވެ. މެލޭޝިއާ އާއި ބްރެޒިލްގެ ސަރުކާރުންވެސް މިހާރު ދަނީ އެ ގައުމުތަކުގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރަމުންނެވެ.

އިންޑޮނޭޝިއާގައި މިކަމަށްޓަކައި ތަންފީޒުކުރަން ފެށި ގާނޫނުގެ ދަށުން ރޮބްލޮކްސް، ޔޫޓިއުބް، ޓިކްޓޮކް، ފޭސްބުކް، އިންސްޓަގްރާމް، ތްރެޑްސް، އެކްސް އަދި ބީގޯ ލައިވް ފަދަ މަޝްހޫރު ޕްލެޓްފޯމްތައް ކުޑަކުދިންނަށް ބޭނުންކުރުން މަނާވާނެއެވެ. މިފަދަ ގައުމުތަކުން މިކަންކުރަން ނިންމާފައިވަނީ ކުޑަކުދިންނަށް ސައިބަރު ހަނގާ، ބޭއިޚްލާގީ ކޮންޓެންޓްތައް އަދި އިޖުތިމާއީ ނޭދެވޭ އަސަރުތަކުން ސަލާމަތްކުރުމުގެ ގޮތުންނެވެ.

ރައީސް ޑރ. މުޢިއްޒުގެ މި ނިންމެވުމަކީ ދިވެހި ކުޑަކުދިންގެ މުސްތަގުބަލަށްޓަކައި މުހިންމު ފިޔަވަޅެކެވެ. ސޯޝަލް މީޑިއާގެ ނޭދެވޭ އަސަރުތަކުން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި މިފަދަ ގާނޫނެއް ތަންފީޒުކުރުމަށް ބޭނުންވާނީ ސަރުކާރާއި، ބެލެނިވެރިންނާއި، މުދައްރިސުންނާއި، އަދި އާއްމު ހުރިހާ ފަރުދުންގެ އެއްބާރުލުމެވެ. ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި މި ނިންމުން ތަންފީޒުކުރެވޭނެކަމަށް އުންމީދުކުރެވޭއިރު، މިއީ ރާއްޖޭގެ ކުޑަކުދިންނަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު