
ޓިކްޓޮކް އެކައުންޓެއް ބޭނުންކޮށްގެން ސްކޭމް ހިންގާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ޓިކްޓޮކް އެކައުންޓެއް ބޭނުންކޮށްގެން ސްކޭމް ހިންގާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފައިވަނީ، ޓިކްޓޮކް އެކައުންޓެއްގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ކަންތައްތައް ހިންގަމުންދާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ ކަންކަަމަށް ރައްޔިތުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި އެކައުންޓް ހިންގަމުންދާ ފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އަދި މިފަދަ ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތަކުގައި ފޭކް އެކައުންޓްތައް ހަދައިގެން، ޖިނާއީ ކުށްތަކަށް އަރައިގަންނަމުންދާ ފަރާތްތައް ހޯދައި، އެފަރާތްތަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
އޮޅުވާލައިގެން މަކަރާއި ހީލަތުން ސްކޭމް ހިންގަމުންދާ ކަމަށް ފުލުހުން ބުނެފައިވާ ޓިކްޓޮކް އެކައުންޓްގެ ހޭންޑަލްއަކީ "އިނާ" އެވެ.
މި އެކްއުންޓްގައި ވަރަށް ގިނަ އަދަދެއްގެ ތަކެތި ވިއްކަން އިސްތިހާރުކޮށްފައި ހުރެެ އެވެ. އެގޮތުން ދުވަހު ކުއްޔަށް ކޮޓަރި ދޫކުރުމާއި އެކިކަހަލަ ކާއެއްޗެހި ވިއްކާ ކަމަށް އިސްތިހާރުކޮށްފައިވެ އެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު، އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމުގެ 21 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ.
ފަހަކަށް އައިސް ޓެކްނޮލޮޖީ ކުރިއަރައި ދިއުމާއެކު، އޮޅުވާލުމާއި މަކަރާއި ހީލަތުން (ސްކޭމް) ފައިސާ ހޯދުމުގެ މައްސަލަތައްވެސް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ބޭންކުތަކާއި ކުންފުނިތަކުގެ ނަމުގައި ގުޅައިގެންނާއި، ލިންކުތައް ފޮނުވައިގެން މީހުންގެ އެކައުންޓުތަކުން ފައިސާ ފޭރުމުގެ މައްސަލަތައް ހުއްޓުވުމަށް ފުލުހުންގެ "އެންޓި-ސްކޭމް ސެންޓަރު" އިން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.



