
ޑްރަގް އެތެރެކުރި މީހަކު ބުނީ އެއީ ގުރުއަތަކުން ލިބުނު އިނާމެއް ކަމަށް: ވަކީލުންގެ ބަހާއި ފުލުހުންގެ ތަހުގީގު
ފުލުހުން މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހައްޔަރުކުރި ބައެއް މީހުންނަކީ، ގުރުއަތަކުން ނަސީބުވެރިއަކަށް ހޮވިގެން ރާއްޖެއަށް އައިސްފައިވާ ބަޔަކު ކަމަށް ބުނެ އެ މީހުންގެ ވަކީލުން ކޯޓުގައި ދައްކަވާފައިވާ ވާހަކަތަކުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ. މިފަދަ ހަތަރު މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ހާމަވެފައިވާއިރު، މިއީ މަސްތުވާތަކެތި އެތެރެކުރުމަށް ބަޔަކު ރާވައިގެން، އެއްވެސް ކުށެއް ނެތް މީހުން ބޭނުންކޮށްގެން ހިންގަމުންދާ ކަމެއް ކަމަށް ދިފާއީ ވަކީލުން ވަނީ ފާހަގަކުރައްވާފަ އެވެ.
ކުށެއް ނެތް ކަމަށް ދިފާއީ ވަކީލުން ބުނަނީ
މި މައްސަލައިގައި މިދިޔަ މާޗު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި ހިމެނޭ އިންޑިއާ މީހެއް ކަމަށްވާ ދަނޫޝްކާނދަން ބޯޕާލްގެ ވަކީލު ކޯޓުގައި ވިދާޅުވީ، ބޯޕާލް އަކީ ޔުނިވާސިޓީއެއްގައި ކިޔަވަމުންދާ ޒުވާނެއް ކަމަށެވެ. އަދި އޭނާ ރާއްޖެއަށް އައީ ގުރުއަތަކުން ނަސީބުވެރިއަކަށް ހޮވިގެން، ހިލޭ ދަތުރެއްގެ އިނާމެއްގެ ގޮތުގައި ކަމަށެވެ. އޭނާއަށް ހަވާލުކުރި ތަކެއްޗަކީ ރާއްޖެއަށް ވިއްކަން ގެންނަ މުދަލެއްގެ ސާމްޕަލް ކަމަށް ބުނެ އޮޅުވާލައިގެން ދިން ތަކެތި ކަމަށް ވަކީލު ވަނީ ހާމަކުރައްވާފަ އެވެ. މިކަން ކުރުވީ ކޮން ބަޔަކު ކަމާއި، ކަން ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ބޯޕާލް ވަނީ ތަހުގީގަށް ކިޔައިދީފަ އެވެ. ބޯޕާލްގެ ވަކީލު އިތުރަށް ވިދާޅުވީ، މިއީ ބަޔަކު ރާވައިގެން، އެއްވެސް ކުށެއް ނެތް ކުދިން ބޭނުންކޮށްގެން މަސްތުވާތަކެތި އެތެރެކުރުމަށް ހިންގާ ހަރަކާތްތަކެއް ކަމަށާއި، މިފަދަ އެހެން ކޭސްތައް ވެސް މިހާރު ހިނގަމުންދާ ކަމަށެވެ.
ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތު
މި މައްސަލައާ ގުޅިގެން ފުލުހުން ކޯޓުގައި ބުނީ، މިފަދަ ޕެޓާނަށް ކުށުގެ އަމަލު ހިންގާފައިވާ ހަތަރު މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް، މި މީހުން ކުށުގެ އަމަލުގައި ބައިވެރިވި މިންވަރު އެ ހުރިހާ މައްސަލައެއްގައި ވެސް ތަފާތު ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ. މޯބައިލް ފޮރެންސިކް ރިޕޯޓުތަކަށް ބަލާއިރު މިކަން އެނގޭ ކަމަށް ވެސް ކޯޓުގެ އަމުރުގައި ވަނީ ބަޔާންކޮށްފަ އެވެ. މިއީ މަސްތުވާތަކެތި އެތެރެކުރުމަށްޓަކައި ބޭނުންކުރާ އާ ގޮތްތަކެއް ކަމަށް ވެސް ފުލުހުން ދެކެ އެވެ.
ހައްޔަރުކުރެވުނު އެހެން މީހުން
ދަނޫޝްކާނދަން ބޯޕާލް އާ އެކު މި މައްސަލައިގައި ހައްޔަރުކުރި އެހެން މީހުންގެ ތެރޭގައި 21 އަހަރުގެ އިންޑިއާގެ ތިރިވިލް މަނިމަރަން އަދި ގދ. ގައްދޫ މީހެއް ކަމަށްވާ، އުމުރުން 28 އަހަރުގެ އަލީ އިރުފާން ހިމެނެ އެވެ. މި ތިން މީހުން ހައްޔަރުކުރީ ރާއްޖެއަށް ޑްރަގް އެތެރެކޮށް ވިއްކައި، ވިޔަފާރިކުރާކަމުގެ ތުހުމަތުގަ އެވެ. އޭގެ ތެރެއިން އަލީ އިރުފާން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މީގެ އިތުރުން، މިފަދަ ދެވަނަ މައްސަލައެއްގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި އިންޑިއާއަށް ނިސްބަތްވާ 25 އަހަރުގެ ޖައިނަބު ވާޖިދު އަލީ އާއި 21 އަހަރުގެ މުހައްމަދު ނަވާޒް ދަޔަތަރު ހިމެނެ އެވެ. މި ހުރިހާ މައްސަލަތަކަކީ ވެސް މަސްތުވާތަކެތި އެތެރެކުރުމުގައި އޮޅުވާލުމުގެ އުކުޅުތައް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެކެވެ.
އިންޑިއާގެ ކަންބޮޑުވުމާއި ނަސޭހަތް
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާގެ މީހުން އިތުރުވެފައިވާތީ، އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން މިދިޔަ އޭޕްރީލް މަހު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިކަމަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ. އެންސީބީން ވަނީ، ދަތުރުކުރާއިރު އެއާޕޯޓުތަކާއި ކަނޑު ބަނދަރުތަކާއި ޓްރާންސިޓް ޕޮއިންޓްތަކުން، ގޮތް ނޭނގޭ މީހުން ދޭ އެއްޗެހި ނުހިފުމަށާއި، އަބަދުވެސް އަމިއްލަ ދަބަސްތަކާއި ފޮށި ފަދަ ތަކެއްޗަށް ސަމާލުވެ ތިބުމަށް ލަފާދީފަ އެވެ.



