
މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން އައްޑޫއިން ބަންދުކުރި ގެޔަށް ވަތް މީހަކު ހައްޔަރުކޮށްފި
އައްޑޫސިޓީ ހިތަދޫގައި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ބަންދުކޮށްފައި ހުރި ގެޔަކަށް ވަތް މީހަކު ހައްޔަރުކޮށްފި އެވެ.
ސ.ހިތަދޫ / ލާމިޔާގެއާގެ އަކީ 08 ޖޫން އިން ފެށިގެން 06 ސެޕްޓެމްބަރ ވަނަ ދުވަހުގެ ނިޔަލަށް 90 ދުވަހުގެ މުއްދަތަށް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓްގެ އަމުރުގެ ދަށުން ބަންދު ކޮށްފައި ހުރި ގެއެކެވެ.
މި ގެ ބަންދު ކޮށްފައިވަނީ، މިގެއަކީ ވައްކަމާއި ފޭރުން އަދި މަސްތުވާތަކެތި ބޭނުން ކުރުންފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުން އެ ބޭނުމުގައި މިގޭގައި އުޅުމާއި، އާއްމުންނަށް މިކަމުގެ ސަބަބުން އުދަގޫތަކެއް ފޯރާކަމަށް ދިވެހި ފުލުހުންގެ ޙިދުމަތަށް އެކިފަހަރުމަތިން ޝަކުވާ ހުށަހެޅިފައިވުމުން މިކަމަށް ހައްލެއް ގެނެސްދިނުމުގެ ބޭނުމުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އައްޑޫސިޓީ ފުލުހުން މިއަދު ބުނެފައިވަނީ އެ ގެ ބަންދުކޮށްފައި ހުއްޓާ ޖޫން 14 ވަނަ ދުވަހު އެގެއަށް ވަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 7 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ޑްރަގް އައްޑާއެއް ބަންދުކުރަން ފުރަތަމަ ފަހަރަށް ކޯޓަކުން އަމުރުކުރީ މެއި 5 ވަނަ ދުވަހު އެވެ. މި އަމުރު ކްރިމިނަލް ކޯޓުން ނެރުނީ ކ. މާލެ / ހ. ގުންޒަރު ބަންދުކުރުމަށެވެ. އެތަން 90 ދުވަހަށް ބަންދުކުރީ އެތަނަކީ ޑްރަގް އައްޑާއެއްގެ ގޮތުގައި ބޭނުންކުރާތަނަކަށްވާތީ އެވެ.
މީގެއިތުރުން ފުވައްމުލައް ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުވާ ތަނެއް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުންވެސް އަމުރުކޮށްފައިވެ އެވެ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން 85 ދުވަހަށް ބަންދުކުރީ ޏ. ފުވައްމުލައް، ފުނާޑު، ގުލިސްތާނުގެ އެވެ.



