
މަޖިލީހުގެ ނާއިބު ރައީސް އިންތިހާބު ކުރުމުގެ ޖަލްސާ މާދަމާ ބާއްވަނީ
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އާ ނާއިބު ރައީސަކު މަޖިލީހަށް އިންތިހާބު ކުރުމަށް މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް މިއަދު އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމަށް އޭނާގެ ޕާޓީ ޕީއެންސީން މަޖިލީހަށް ހުށަހެޅި މައްސަލަ، މިއަދުގެ ޖަލްސާގައި ފަށަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.
ޕީއެންސީން ނާޒިމު ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އޭނަ މަޖިލީހުގެ މަސްލަހަތު ނަގާލަން އުޅުއްވާކަމަށް ތުހުމަތުކޮށެވެ. އަދި މަގާމުގެ ނުފޫޒާއި، ނާޖާއިޒު ފައިދާ ނެގުމާއި، ފިތުނަ އުފައްދާ ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.
ނާޒިމް ވަކިކުރަން މަޖިލީހުން ނިންމާ މިއަދަށް ތާވަލުކުރުމާއެކު ނާޒިމް ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން ބަޔާންގައި ފާހަގަ ކުރެއްވީ އޭނާ މަގާމުން ދުރަށް ވަޑައިގަތީ މެޖޯރިޓީގެ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. އަދި އޭނާ އަށް ކުރާ ތުހުމަތުވެސް އެބަޔާނާއެކު ވަނީ ދޮގު ކުރައްވާފައެވެ.
ހޯމަ ދުވަހަށް ނައިބު ރައީސް ހޮވާ ޖަލްސާ މިހާރު ވަނީ ތާވަލު ކޮށްފައެވެ. ނައިބު ރައީސް ކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހުއާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) އެވެ.
ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މެޖޯރިޓީ ވޯޓާއެކު ޖުމްލަ 80 ވޯޓު ހޯއްދަވައިގެންނެވެ. އޭރު އޭނައާ ވާދަކުރެއްވީ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދުދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ.
ނާޒިމް އަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ނައިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ.



