މަހުދީގެ މަރުގެ ތަޙްޤީޤު: ފުލުހުން ދެ ހަފްތާ ވަންދެން ހިމޭން
ރާއްޖެ

މަހުދީގެ މަރުގެ ތަޙްޤީޤު: ފުލުހުން ދެ ހަފްތާ ވަންދެން ހިމޭން

ނނާޒިމް
May 31, 2026

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހާދިސާ އާއި ގުޅިގެން ފުލުހުން ފެށި ކަމަށް ބުނާ ތަޙްޤީޤާއި ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކުރުމަށް ފުލުހުން ދެ ހަފްތާ ވަންދެން ފަސްޖެހި، މީޑިއާތަކުގެ ސުވާލުތަކަށް ޖަވާބު ދިނުމުން ދުރުހެލިވެއްޖެއެވެ. މަހުދީ ނިޔާވުމަށްފަހު އިހުމާލުގެ ސުވާލުތައް އާންމުންގެ ތެރެއިން ގިނަ ބަޔަކު އުފައްދަމުން ދަނިކޮށް، ތަޙްޤީޤެއް ކުރިއަށް ގެންދާކަމަށް ފުލުހުން ބުނި ނަމަވެސް، އެއްވެސް ކުރިއެރުމެއް ނުވަތަ ތަފްސީލެއް ހާމަކޮށްފައި ނުވާތީ، މިކަމަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

މިމަހުގެ 16 ވީ ހޮނިހިރު ދުވަހު ނިޔާވި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވީ، 58 މީޓަރު ފުނުގައިވާ ހޮހަޅައަކަށް އެކަށީގެންވާ ވަޞީލަތްތަކާއި ތަކެތި ނެތި ފީނުމުގެ ތެރޭގައެވެ. މި ހާދިސާ ހިނގާދިޔަ ގޮތް ގިނަ ބަޔަކު ސުވާލު އުފައްދާފައިވާއިރު، މިކަމުގައި އިހުމާލުގެ މައްސަލައެއް އޮތްކަމަށް ގިނަ ބަޔަކު ދެކެއެވެ.

މަހުދީ ނިޔާވި ހާދިސާއަށް 4 ދުވަސް ފަހު، 2026 މެއި 20 ވަނަ ދުވަހު ފުލުހުންގެ އިދާރާއިން ހާމަކުރީ، މި މައްސަލަ ތަޙްޤީޤުކުރަމުންދާ ކަމަށެވެ. އެދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވިދާޅުވެފައި ވަނީ، "2026 މެއި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ގެންދަނީ ބަލަމުން" ކަމަށެވެ. މީގެ އިތުރުން، އެއްވެސް ފަރާތަކުން ހުށަހަޅައިގެން ނުވަތަ ޕީޖީން އަންގަވައިގެން ތަޙްޤީޤު ކުރާކަމަށް ހާމަކުރެއްވުމުގެ ބަދަލުގައި ފުލުހުން ވިދާޅުވީ، "މީހަކު ނިޔާވުމުގެ ކޮންމެ ހާދިސާއަކީ ވެސް ކަނޑައެޅިފައިވާ އިޖުރާއާތްތަކުގެ މަތިން ތަހުގީގު ކުރެވޭ ކަންކަން" ކަމަށެވެ. އަދި "އެގޮތުން، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ވެސް، މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން، ހާދިސާގެ މައުލޫމާތު ލިބުމާއެކު ވަނީ ބަލަން ފަށައިފައި" ކަމަށް ފުލުހުންގެ އިދާރާއިން ބަޔާންކުރިއެވެ.

ނަމަވެސް، މި ބަޔާނަށްފަހު، ފާއިތުވެދިޔަ ދެ ހަފްތާގެ ތެރޭގައި، މި ތަޙްޤީޤާއި ގުޅޭގޮތުން މީޑިއާތަކުން ތަކުރާރުކޮށް ކޮށްފައިވާ އެއްވެސް ސުވާލަކަށް ފުލުހުންގެ އިދާރާއިން ޖަވާބެއް ދީފައެއް ނުވެއެވެ. މިކަމުގެ ސަބަބުން، ތަޙްޤީޤުގެ ހާލަތާއި ކުރިއެރުންތަކާއި މެދު އާންމުންގެ ހިތްތަކުގައި އިތުރު ސުވާލުތައް އުފެދިފައިވާކަމަށް ފާހަގަކުރެއެވެ.

މަހުދީ ނިޔާވި ހާދިސާގައި، އޭނާ ހާލުދެރަވެ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް، އެމްއެންޑީއެފުން ބުނެފައި ވަނީ މަހުދީ ނިޔާވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ. އެހެން ހާދިސާތަކުގައި މީހުން ހޮސްޕިޓަލަށް ގެނައިއިރު މަރުވެފައިވާކަން ނުވަތަ ނޫންކަން ހޮސްޕިޓަލުން މީޑިއާތަކަށް ޔަޤީންކޮށްދޭއިރު، މަހުދީގެ މަރުގެ މައްސަލައިގައި އޭޑީކޭ ހޮސްޕިޓަލުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. މިއީ އެމްއެންޑީއެފުން ހަދާފައިވާ "ދޮގެއް" ކަމަށް ގިނަ ބަޔަކު ދެކޭ ސަބަބެވެ.

މި ހާދިސާ ހިނގުމުގެ ކުރިން، 2026 މެއި 15 ވަނަ ދުވަހުގެ ރޭ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޑީއެފްގެ ބްރިގޭޑިއަރޖެނެރަލް މުޙައްމަދު ސަލީމް ވަނީ އެކަށީގެންވާ ވަޞީލަތްތަކެއް ނެތި އެފަދަ އޮޕަރޭޝަންތައް ހިންގުމަކީ ޑައިވަރުން ނުރައްކަލަށް ހުށައެޅޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، މަހުދީ ނިޔާވި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކާއި މެދު އިތުރު ސުވާލުތަކެއް އުފެދެއެވެ.

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހާދިސާ ހިނގައިދިޔަ ގޮތުގެ މައުލޫމާތު އެމްއެންޑީއެފުންނާއި ސަރުކާރުން މިހާތަނަށް ވަނީ ސިއްރުކޮށްފައެވެ. މި ހާދިސާ ހިނގި ސީދާ ސަބަބުތަކާއި، މިކަމުގައި އިހުމާލެއް ވެފައިވާނަމަ އެކަމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުންތޯ އާއި، ތަޙްޤީޤުގެ ކުރިއެރުންތައް އާންމުންނަށް ހާމަކުރުމަށް ގޮވާލާފައިވީ ނަމަވެސް، މިކަމަށް މިހާތަނަށް އެއްވެސް އިޖާބައެއް ލިބިފައެއް ނުވެއެވެ.

އާންމުންގެ އިތުބާރު ހޯދައި، ހާމަކަން ބޮޑު ގޮތަކަށް މި މައްސަލަ ތަޙްޤީޤުކޮށް، ހަގީގަތް ހާމަކުރުމަކީ ސަރުކާރާއި ކަމާބެހޭ އިދާރާތަކުގެ މައްޗަށް އޮތް ޒިންމާއެކެވެ. މަހުދީގެ އާއިލާއަށާއި، އާންމުންނަށް ޖަވާބުތަކެއް ދިނުމަކީ މި މައްސަލައިގެ ހަގީގަތް ހާމަވެ، އަދުލު އިންސާފު ޤާއިމުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު