
އެޗްޑީސީން ރެޑްވޭވްއަށް ދިން ބިން: މައުލޫމާތު ސިއްރުކުރުމާއި ގުޅިގެން ފާޑުކިޔުންތައް ބޮޑުވެއްޖެ
ހުޅުމާލެ ފޭސް 2އިން ރެޑްވޭވަށް މޯލްއެއް އަޅަންދިން ބޮޑު ބިމާއި ގުޅޭ އެއްބަސްވުމުގެ މައުލޫމާތު ހާމަކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދެކޮޅު ހަދާފައިވާތީ، މިކަމާ ގުޅިގެން އާންމުންގެ ތެރޭގައި އެކި ފަރާތްތަކުން ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދަށުން އެ ބިމާ ގުޅޭ އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައެއްގައި، އެޗްޑީސީން ވަނީ އެދިފައިވާ މައުލޫމާތަކީ ޤާނޫނުގެ ދަށުން ދޫކުރެވެން ނެތް މައުލޫމާތެއް ކަމަށް ބުނެފައެވެ. އެޗްޑީސީގެ މި ނިންމުމަކީ ސަރުކާރުގެ ޒިންމާދާރުކަމާއި، ދެފުށްފެނުން ކަށަވަރުކުރުމަށްޓަކައި މުހިންމު ދައުރެއް އަދާކުރާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ރޫހާ ޚިލާފު ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެހެންކަމުން މިކަމަކީ އާންމުންގެ އިތުބާރު ގެއްލި، ސަރުކާރުގެ ކަންކަން ހިންގާ ގޮތާއި މެދު ސުވާލު އުފައްދާ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.
އާރްޓީއައި (މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު) އަށް އެޗްޑީސީން ދީފައިވާ ޖަވާބުގައި ބުނެފައި ވަނީ، އެދިފައިވާ މައުލޫމާތަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ދޫކުރެވެން ނެތް މައުލޫމާތެއް ކަމަށެވެ. އެގޮތުން، ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން، ވިޔަފާރީގެ ސިއްރުތަކާއި، ބޭންކިންގ އަދި މާލީ ސިއްރުތައް ހިމެނޭ މައުލޫމާތު ހާމަނުކުރުމުގެ އިސްތިސްނާ އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް، ދައުލަތުގެ ބިމެއް ނުވަތަ ވަސީލަތެއް ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް ވިޔަފާރީގެ ސިއްރެއްގެ ގޮތުގައި ބެލެވިދާނެތޯ ސުވާލު އުފެދި، އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. މިއީ ދައުލަތުގެ މުދަލާއި ވަސީލަތްތަކާ ގުޅޭ މައުލޫމާތުތަކަށް އާންމުންނަށް ލިބެންޖެހޭ ހައްގު ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ފާޑު ކިޔާފައި ވާއިރު، އިޤުތިޞާދީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި، ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު މުހައްމަދު ވިދާޅުވީ، އެދިފައިވާ މަޢުލޫމާތަކީ ދައުލަތުގެ މުދަލެއް ނުވަތަ ވަސީލަތެއް ކުއްޔަށް ދިނުމާއި، އެ މުދާ ހަވާލުކުރުމާ ގުޅޭ ކަންކަން ކަމުގައިވާތީ، އެ މުދާ ހަވާލުކުރި އިޖުރާއަތާއި، ކުލީގެ މުއްދަތާއި، އަދި އަހަރީ ކުއްޔާ ގުޅޭ ތަފުސީލުތަކަކީ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ "ވިޔަފާރީގެ ސިއްރެއް" ކަމަށް ބެލެވޭނެ ޝަރުޢީ ނުވަތަ ޤާނޫނީ ހަމައެއް އޮތް ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ. މުޙައްމަދުގެ މި ބަސްފުޅުތަކުން ދައުލަތުގެ މުދާ ކުއްޔަށް ދިނުމުގައި ދެފުށްފެނުން ބެހެއްޓުމުގެ މުހިންމުކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. އޭނާ އިތުރަށް ވިދާޅުވީ، ދައުލަތުގެ މުދަލާ ގުޅޭ މައުލޫމާތު ސިއްރުކުރުމަކީ އާންމުންގެ ހައްގުތަކަށް އަރައިގަތުމެއް ކަމަށާއި، މިފަދަ ކަންކަން ހާމަކުރުމުން އެންމެންނަށްވެސް އެއް ހަމައެއްގައި ފުރުސަތު ލިބި، އަދި ކޮރަޕްޝަނަށް މަގުފަހިވުން ކުޑަވާނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ރެޑްވޭވް ކުންފުންޏަކީ، ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ހޮވި، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާޕާޓީ ޕީއެންސީގެ މެމްބަރު އަޙްމަދު ސަލީމްގެ ކުންފުންޏެކެވެ. ސަރުކާރުގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅެއްގެ ކުންފުންޏަކަށް ދައުލަތުގެ ބިން ދޫކުރުމާއި، އެކަމާ ގުޅޭ މައުލޫމާތު ސިއްރުކުރުމަކީ ވަކި ފަރާތަކަށް އިސްކަންދިނުމުގެ ތުހުމަތުތައް އުފެއްދިދާނެ ކަމެއް ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިފަދަ ހާލަތްތަކުގައި ޚާއްސަކޮށް، މައުލޫމާތު ހާމަކުރުމުގެ މުހިންމުކަން އިތުރަށް ބޮޑުވެއެވެ. ސަރުކާރުގެ ކުންފުންޏަކުން ދައުލަތުގެ މުދާ ދޫކުރުމުގައި މިފަދަ ސިއްރުތައް ބެހެއްޓުމަކީ އާންމުންގެ ހިތުގައި ސުވާލު އުފެއްދި، ސަރުކާރުގެ ދެފުށްފެނުމާއި ޒިންމާދާރުކަމާ މެދު އޮތް އިތުބާރު ކުޑަވެދާނެ ކަމެކެވެ.
ރެޑްވޭވް ކުންފުންޏަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ގިނަ ދުވަސްވެފައިވާ ކުންފުންޏެއް ނަމަވެސް، ދައުލަތުގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅެއްގެ ކުންފުންޏަކަށް ދައުލަތުގެ ބިންތައް ދޫކުރުމުގައި، އާންމުންނަށް އެނގެންޖެހޭ މައުލޫމާތު ސިއްރުކުރުމަކީ ކަންބޮޑުވުން އުފެދޭ ކަމެކެވެ. މިހާރު ހުޅުމާލެ ފޭސް 1 ގައި ވެސް ރެޑްވޭވްގެ ބޮޑު މެގަމޯލްއެއް ހުންނައިރު، ފޭސް 2 ގައި މިހާރު ދަނީ، ކުރިން ދޫކުރި ބިމުގައި ޝޮޕިންގ މޯލް އެޅުމަށްޓަކައި ޢިމާރާތެއް އަޅަމުންނެވެ. އެއިމާރާތަކީ މިހާރު ހުޅުމާލެ ފޭސް 1ގައި އަޅާފައިވާ ރެޑްވޭވް މެގަމޯލްއަށް ވުރެވެސް ބޮޑު އިމާރާތެކެވެ. މިއީ ހުޅުމާލޭގެ އިގްތިސާދީ ކުރިއެރުމަށް މުހިންމު މަޝްރޫއެއް ކަމުގައި ވިޔަސް، އެ މަޝްރޫއާ ގުޅޭ އެއްބަސްވުންތައް ސިއްރުކުރުމަކީ ދެފުށްފެނުމާއި ޒިންމާދާރުކަމުގެ އަސާސްތަކާ ދެކޮޅު ކަމެކެވެ.
މިފަދަ ބޮޑެތި މަޝްރޫއުތަކަށް ދައުލަތުގެ ބިން ދޫކުރުމުގައި ދެފުށްފެނުން ބެހެއްޓުމަކީ ޤާނޫނީ ގޮތުން ވެސް އަދި އަޚްލާޤީ ގޮތުން ވެސް މުހިންމު ކަމެކެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ މައިގަނޑު މަޤްސަދަކީ ސަރުކާރުގެ ހިންގުން ދެފުށްފެންނަ ގޮތަކަށް ބެހެއްޓުމާއި، އާންމުންނަށް ސަރުކާރުގެ ކަންކަމުގައި ބައިވެރިވެ، ބަސް ބުނުމުގެ ފުރުސަތު ހޯދައި ދިނުމެވެ. އެހެންކަމުން، އެޗްޑީސީން މިހާރު ގެންގުޅޭ ސިޔާސަތުތަކާ މެދު އަލުން ވިސްނާލުން މުހިންމު ކަމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. މިފަދަ މައުލޫމާތުތައް ސިއްރުކުރުމަކީ، އާންމުންގެ ތެރޭގައި ސަރުކާރުގެ ކަންކަމާމެދު ހީތަކާއި ޝައްކުތައް އުފެދުމަށް މަގުފަހިވާނެ ކަމެކެވެ.
މި މައްސަލައާ ގުޅިގެން އެޗްޑީސީއަށް އާންމުންގެ ފާޑުކިޔުންތައް ބޮޑުވެފައިވާއިރު، މިފަދަ ކަންކަމުގައި ޒިންމާދާރުކަމާއި، ދެފުށްފެނުން ބެހެއްޓުމަށް ގޮވާލާ އަޑުތައް ދަނީ ގަދަވަމުންނެވެ. ދައުލަތުގެ ބިންތަކާއި ވަސީލަތްތައް ދޫކުރުމާ ގުޅޭ މައުލޫމާތަކީ ވިޔަފާރީގެ ސިއްރުތަކެއް ނޫން ކަމަށް ބުނެ އެކަމަށް އިންކާރުކުރާ އިރު، އެޗްޑީސީއަށް މިކަމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. ރައްޔިތުންނަށް އެނގެންޖެހޭ މައުލޫމާތުތައް ދޫކުރުމަށް ދެކޮޅު ހެދުމަކީ، ސަރުކާރުގެ މަސްލަހަތުތަކަށް ގެއްލުން ކުރިމަތިކުރުވާ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. ދައުލަތުގެ މުދަލާ ގުޅޭ ނިންމުންތަކުގައި އާންމުންގެ ބައިވެރިވުމާއި ބެލެހެއްޓުން ކަށަވަރުކުރުމަށްޓަކައި، އެއްވެސް އިސްތިސްނާއެއް ނެތި މައުލޫމާތުތައް ހާމަކުރުމަކީ މުހިންމު ކަމެކެވެ.



