ފެނަކައިގެ މުވައްޒަފުން ނަށް އިތުރު ބުރައެއް: ހަތަރު މަސް ދުވަހުގެ މުސާރައާއެކު އަމިއްލައަށް ވަކިވޭނެ
ރާއްޖެ

ފެނަކައިގެ މުވައްޒަފުން ނަށް އިތުރު ބުރައެއް: ހަތަރު މަސް ދުވަހުގެ މުސާރައާއެކު އަމިއްލައަށް ވަކިވޭނެ

ނނާޒިމް
June 2, 2026

ރާއްޖޭގެ ބޮޑުބަޔަކަށް ޔޫޓިލިޓީ ހިދުމަތްދޭ ސަރުކާރު ހިއްސާވާ ފެނަކަ ކޯޕަރޭޝަންގެ މާލީ ހާލަތު ހަމައަކަށް އެޅުވުމަށް، އެކުންފުނީގެ ހަރަދުތައް ކުޑަކޮށް މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތުގެ ދަށުން، ފެނަކައިގެ ވަޒީފާއިން އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހަތަރު މަސް ދުވަހުގެ މުސާރައާ އެކު އެ ފުރުސަތު ހުޅުވާލައިފި އެވެ. މީގެ އިތުރުން، އާލީ ރިޓަޔާމެންޓް ޕްރޮގްރާމްގެ ދަށުން ވެސް ރިޓަޔާވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ފެނަކައިގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހުސައިން ސޮއިކުރައްވައި ނެރުއްވި އިންޓާނަލް މެމޯއެއްގައިވާ ގޮތުން، މި ފުރުސަތަށް އެދި ހުށަހެޅުމަށް މާދަމާއިން ފެށިގެން މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ފުރުސަތު އޮންނާނެ އެވެ.

މުވައްޒަފުންގެ އަދަދު ގިނަވުމުގެ މައްސަލަ

ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އަފީފު "މިހާރު" އަށް ވިދާޅުވީ، މިހާރު ފެނަކައިގެ ޕޭރޯލްގައި 8,000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކަމަށާއި، މިއީ ކުންފުނީގެ "ރައިޓް ސައިޒް ނޫން" ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަފީފު ވިދާޅުވި ގޮތުގައި، ކުންފުނި ހިންގުމުގެ ދާއިރާއިން ލިބިވަޑައިގެންފައިވާ 27 އަހަރު ދުވަހުގެ ތަޖުރިބާ ބޭނުންކުރައްވައި، ކުންފުނީގެ ހިންގުން އިންތިޒާމު ކުރެވޭނެ "ރައިޓް ސައިޒެއް" ހޯދުމަށް މަސައްކަތް ކުރައްވަމުން އެބަ ގެންދެ އެވެ.

މުވައްޒަފުންގެ އަދަދު އެހާ ގިނަވުމުން، އިދާރީ ގޮތުންނާއި ހިންގުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަން އަފީފު ފާހަގަކުރެއްވި އެވެ. އެހާ ގިނަ މުވައްޒަފުންނަށް މުސާރަ ދިނުމަށް ފަހު، ޖަނަރޭޓަރުތަކަށް ބޭނުންވާ ސްޕެއާޕާޓް ތަކާއި ތެލާއި އެހެނިހެން ތަކެއްޗަށް ބޭނުންވާ ފައިސާ ހޯދަން ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުވައްޒަފުން މަދުކުރަން ޖެހޭ ސަބަބު ތަފްސީލުކުރައްވަމުން އަފީފު ވިދާޅުވީ، "[މާލީ ގޮތުން] ދެކޮޅު ޖެހޭ ކުންފުންޏެއްގެ ގޮތުގައި ހިންގާ ކަމަށް ވަންޏާ ލިބޭ އެއްޗެއް ރަނގަޅަށް މެނޭޖްކުރަން އެބަ ޖެހޭ ދެއްތޯ، ކޮންމެ ފަހަރަކު މުވައްޒަފުންނަށް މުސާރަދޭންވީމާ ސަރުކާރުގެ ފަރާތުން، މުސާރައަށް ބޭނުންވާ ފައިސާ ހޯދައިގެން، އެއީ އަބަދަކު، ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ކަމެއް ނޫންތާ ދެއްތޯ،" މިހެންނެވެ.

ފެނަކަ ހަރުދަނާކުރުމުގެ މަސައްކަތް

އަފީފު ވިދާޅުވި ގޮތުގައި، ފެނަކަ ހަރުދަނާކުރުމަށް ބަދަލުތައް ގެންނަން، ކުންފުނިން ހިދުމަތްދޭ ތަންތަނުގައި ތިބީ ކިހާ މުވައްޒަފުންނެއް ކަން ބަލައި، މަދުކުރަން ޖެހޭ ތަންތަނާއި އިތުރުކުރަން ޖެހޭ ތަންތަން ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އޭނާ ވިދާޅުވީ، "މި ކުންފުންޏަށް އެބަހުރި ހަމަ އާދަޔާ ހިލާފަށް، އެކި ސަރުކާރުތަކުން ވަރަށް ގިނަ މުވައްޒަފުން އެކި ރަށްރަށުގެ އިންޖީނުގެތަކަށް ވައްދާފައި، އެކި ރަށްރަށުގައި އިޖުތިމާއީ މަސައްކަތް ކުރަން، ނޫނީ މަހަށް ދާން ތިއްބެވި ބޭފުޅުން ވެސް އެބަ ތިބި ވައްދާފައި،" މިހެންނެވެ.

ފެނަކައިގެ މާލީ ހާލަތު މިހާ ދަށްވެފައި ވަނީ ކުންފުންޏަށް ބޭނުންވާ ތަކެއްޗާއި ހިދުމަތްތައް ހޯދުމުގައި މާޒީގައި އަމަލުކޮށްފައިވާ ގޮތުން ކަމަށް އަފީފު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ހޯދަން ޖެހޭ ތަކެތި ރަނގަޅު ސަޕްލަޔަރުންގެ އަތުން ނުހޯދައި ގޮތް ނޭނގޭ "ކަރުދާސް ކުންފުނިތަކުން" ހޯދާފައި ވުމާއި، އެވަގުތަށް ބޭނުން ނުވާ ބައެއް ތަކެތި ހޯދާފައި ވުން، އެއީ އޭގެ ބައެއް މިސާލުތަކެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުންނާއި، ކުންފުނި އޮޑިޓްކުރި އިންޓާނަލް އޮޑިޓަރާއި އެކްސްޓާނަލް އޮޑިޓަރުގެ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލާފައިވާ އެކިއެކި ރިޕޯޓްތަކުގައި ވެސް ކުންފުނީގެ މާޒީގައި ކަންތައްތައް ކުރެވިފައި އޮތީ ރަނގަޅަށް ނޫންކަން ފާހަގަކޮށްފައިވެ އެވެ. އަދި މި ކަންތައްތައް ހަމައަކަށް އެޅުވުމަށް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ވެސް މި ހުރިހާ ފަރާތްތަކުން ވެސް ފާހަގަކޮށްފައިވާ ކަމަށް އަފީފު ވިދާޅުވި އެވެ.

"ކާޑު ޖަހަން ނުޖެހޭ" މުވައްޒަފުން

އަފީފު ވިދާޅުވި ގޮތުގައި، ފެނަކައިން އެކި އެކި ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ނެގި ގިނަ އަދަދެއްގެ މުވައްޒަފުންގެ ތެރެއިން ވެސް ބައެއް މީހުން ތިބީ ދާއިމީކޮށްފަ އެވެ. އެހެންކަމުން، ކޮންމެ ދުވަހަކު ކުރަން ޖެހޭ ވަކި މަސައްކަތެއް ނެތް ގިނަ އަދަދެއްގެ މުވައްޒަފުން ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް އިންޖީނުގެ ތަކުގައި ބައެއް ބްރާންޗްތަކުގައި އެބަތިބި އިނގޭތޯ ކާޑުޖަހަން ނުޖެހޭ ގޮތަށް ވެސް މުވައްޒަފުން، ކޮންމެވެސް ޕްރޮޖެކްޓެއް ހިންގުމުގެ ނަމުގައި ކޮންމެވެސް ރަށަކުން މުވައްޒަފުން ކޮޅެއް ނަގާފައި، ދެން މަސައްކަތް ނުކުރެވެނީސް، ތަކެތި ނެތިގެން ތިބެނީ. އެ މީހުން ކޮންމެހެން ކާޑު ޖަހަން ވެސް އަންނާކަށް ނުޖެހޭ،" އަފީފު ވިދާޅުވި އެވެ.

އަފީފު ވިދާޅުވި ގޮތުގައި، ބައެއް އިންޖީނުގެތަކުގައި އެފަދަ މުވައްޒަފުންނަށް މުސާރަ ދެނީ މަސް ނިމުނީމާ ކޮންމެވެސް ގޮތަކުން ހާޒިރީއެއް ހަދައިގެންނެވެ. ކުރާނެ ކަމެއް ނެތި ވަޒީފާގައި ތިބި ބައެއް މީހުން ކާޑު ޖަހާފައި މަހަށް ދިއުން ފަދަ އެހެން މަސައްކަތްތައް ކުރުމުގެ އިތުރުން "ވިޔާނުދާ ކަންތައްތައް ކުރުމުގައި" ވެސް ބައެއް މީހުން އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެނަކަ ހަމައަކަށް އެޅުވުމުގެ މި މަސައްކަތް ފެށިފައި މިވަނީ، ކުންފުނި ހިންގުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކޮށް، ކުންފުނި މާލީ ގޮތުން ހަރުދަނާ ބިންގަލެއްގެ މަތީގައި ހިންގުމަށްޓަކަ އެވެ. އަފީފު ވިދާޅުވީ، ކުންފުންޏަށް ބޭނުންވާ ބަދަލުތައް ގެނެސް، ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު