އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސްކޫލް ހުޅުވާނަން: ރައީސް
ރާއްޖެ

އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސްކޫލް ހުޅުވާނަން: ރައީސް

އއައިނީ
June 15, 2026

އަންނަ ދިރާސީ އަހަރު އަރަބިއްޔާ ސްކޫލް ހުޅުވައި ކިޔަވައިދޭން ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީއަށް ލިބުމާ ގުޅިގެން ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް އަބަދުވެސް ދެ ރާސްތާއެއް ލިބިފައި އޮންނަ ކަމަށާއި، އެއީ ގެއްލުމާއި ހަލާކުގެ ރާސްތާއާއި ކާމިޔާބީގެ ރާސްތާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުތަކުން ގެންގުޅެފައިވަނީ ފަނާކުރަނިވި ފިކުރެއް ކަމަށާއި، އެކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ޢަރަބި އިސްލާމީ ތައުލީމު ނައްތާލުމަށް އެމްޑީޕީގެ ސަރުކާރުތަކުން މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުތަކުން އެހެން ކަންތައް ކުރި ނަމަވެސް، މި ސަރުކާރުން ގެންގުޅެނީ ބިނާކުރަނިވި ފިކުރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރު އައިސް، ޢަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސައިދީ، އާ އިމާރާތުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އަދި ޢަރަބިއްޔާ ސްކޫލްގެ މަސައްކަތްތައް ނިންމައި، އަންނަ ދިރާސީ އަހަރު އެ ސްކޫލުގައި ކިޔަވައިދޭން ފެށުމަކީ އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލުގެ މަސައްކަތް ކުރިއަށްދާއިރު، އަރަބިއްޔާގެ އާ އިމާރާތުގައި ހިމެނޭނީ 40 ކްލާސްރޫމެވެ. މުޅި އިމާރާތް އޭސީ ކުރަން ކަނޑައަޅާފައިވާއިރު، އަންޑަގްރައުންޑް ޕާކިންއެއް ވެސް ހުންނާނެއެވެ.

ޢަރަބިއްޔާ ސްކޫލުގެ ކުރީގެ އިމާރާތަކީ 2013 ވަނަ އަހަރު ބޭނުންކުރަން ފެށި އިމާރާތެއް ނަމަވެސް އިމާރާތުގެ ތަނބުތަކުގައި ރެނދުލައި، ބޭނުންކުރަން ނުރައްކާތެރި ތަނަކަށްވުމުން 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެ ސްކޫލުގެ ކިޔެވުން ވަނީ އެހެން ތަނަކަށް ބަދަލުކޮށްފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު