
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ދެކުނުގެ ދެ އަތޮޅުތަކަށް ނެރުނު އެލާޓް ޔެލޯއަށް ބަދަލުކޮށްފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ދެކުނުގެ ދެ އަތޮޅަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ނެރުނު ވައިޓް އެލާޓް، ޔެލޯ އަށް ބަދަލުކޮށްފި އެވެ.
މެޓް އޮފީހުން ފުރަތަމަ ނެރުނު ވައިޓް އެލާޓް ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:30 އިން ފެށިގެން ހަވީރު 17:30 އާ ހަމައަށެވެ. ނަމަވެސް މިހާރު އެ އެލާޓް ލެވަލް ވަނީ ޔެލޯއަށް ބަދަލުކޮށްފަ އެވެ.
ޔެލޯ އެލާޓް ނެރިފައިވަނީ ހަވީރު 16:00 އާ ހަމައަށެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށް ފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަކީ މުހިންމު ކަމެއް ކަމުގައިވެސް އެ އިދާރާއިން ފާހަގަކުރެ އެވެ.



