ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި
ރާއްޖެ

ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި

އއައިނީ
February 22, 2026

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްޞަކޮށް، ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފިއެވެ. އެގޮތުން މާލޭގައި، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޤާއިމުކޮށްފައިވާ، ކައުންޓަރުތަކުން މިއަދު ވަނީ ޒަކާތް ބަލައިގަންނަން ފަށައިފައެވެ.

މޯލްޑިވްސް ޒަކާތް ހައުސް އިން ބުނީ ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ވަގުތުތަކަކީ ފެބުރުވަރީން 22 އިން މާރިޗް 9 އަކަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް، އަދި 10 މާރިޗުން 19 މާރިޗުގެ، ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް ހިދުމަތް ލިބޭނެ ކަމަށެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިޠުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ލޯކަލް ކައުންސިލު އިދާރާއަށް ގޮސްގެންނެވެ. ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލުތަކުން ބޭނުންކުރާނީ އެ ކަމަށް ޓަކައި ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ފިޠުރު ޕޯޓަލެވެ.

ފިޠުރު ޕޯޓަލް މެދުވެރިކޮށް، އާންމު ފަރުދުން ކައުންސިލު އިދާރާތަކަށް ނުވަތަ އިސްލާމީ މަރުކަޒަށް ވަޑައިގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުޢާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑުކުރާނެ ކަމަށް ވެސް ޒަކާތު ހައުސް އިން ބުނެއެވެ. ފައިސާ ދައްކައި ނިމުމުން، ފިޠުރު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސް.އެމް.އެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެ ކަމަށް ޒަކާތު ހައުސް އިން ބުނެއެވެ. މީގެ އިތުރުން، ޞަދަޤާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާ ނަމަ، އެ އަދަދު ވެސް އެ މެސެޖުގައި ހިމެނޭނެ ކަން ޒަކާތު ހައުސް އިން ވަނީ ފާހަގަ ކޮށްފައެވެ.

ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން މިއަދު ފެށި ނަމަވެސް، މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފައެވެ. އެގޮތުން ޖުމްލަ 7 އޮންލައިން ޕްލެޓްފޯމަކުން މި އަހަރުގެ ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

މި ފަހަރު އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނެ 7 ޕްލެޓްފޯމަކީ:

  • ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް

  • އުރީދޫ، އެމް ފައިސާ މޯބައިލް އެޕް

  • މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް

  • ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް

  • ފަހިޕޭ މޯބައިލް އެޕް

  • އަވަސް މޯބައިލް އެޕް

  • ބަނޑޭރި ޕޭ ވެބްސައިޓް

މީގެ ތެރެއިން ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 06:00އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެއެވެ.

މި ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ޢަދަދުތައް:

  • އާދައިގެ ހަނޑޫ: 12 ރުފިޔާ

  • ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ

  • ރަތް ހަނޑޫ: 96 ރުފިޔާ

  • ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ

  • ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ

  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ

  • އާދައިގެ ފުށް: 10 ރުފިޔާ

  • އާޓާ ފުށް: 75 ރުފިޔާ

ޒަކާތު ހައުސް އިން ބުނީ މި ޕޯޓަލުގެ ސަބަބުން، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތް ރެކޯޑުކުރުމަށް، މުޅި ރާއްޖޭގައި އެއް މިންގަނޑަކުން ހިނގާ ނިޒާމެއް ވަނީ ޤާއިމުކުރެވިފަވާ ކަމަށެވެ. އަދި މިއާއެކު މޯލްޑިވްސް ޒަކާތު ހައުސްއަށް ވަގުތުން (ރިއަލް-ޓައިމް) ފިޠުރު ޒަކާތް ބަލައިގަތުމުގެ މުޢާމަލާތްތައް މޮނިޓަރކުރެވޭނެ ކަމަށެވެ.

ރަމަޟާން މަހުގެ ކޮންމެ ހަފުތާއަކު، ޑިޖިޓަލް ޕްލެޓްފޯމުތަކާއި ނަގުދު ފައިސާގެ މުޢާމަލާތްތަކާއި ގޮވާމުން ލިބޭ ފިޠުރު ޒަކާތުގެ ތަފާސްހިސާބުތައް މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކުރަމުން ދާނެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު