ވޯޓު ލުމަށް ރީރަޖިސްޓްރޭޝަންއަށް އެކަށީގެންވާ މުއްދަތެއް ދޭން އެމްޑީޕީން ގޮވާލައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލުމަށް ރީރަޖިސްޓްރޭޝަންއަށް އެކަށީގެންވާ މުއްދަތެއް ދޭން އެމްޑީޕީން ގޮވާލައިފި އެވެ.
އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބުދުﷲ ވަހީދު ވިދާޅުވީ އިންތިހާބަށް ވަގުތު ކުޑަތަން ވަމުންދާ އިރު އިލެކްޝަންސް ކޮމިޝަންއިން ޓައިމް ލައިނެއް ހާމަކޮށްފައި ނެތްއިރު، ޓައިމް ލައިނެއް ހާމަނުކޮށް، ކެންޑިޑޭޓުންގެ ނަން ގެންދެވޭނެ ފަހު ތާރީހެއް އިލެކްޝަނުން އިއުލާންކޮށްފައި ނެތް ކަމަށެވެ. މިކަމުން ފެންނަނީ ސަރުކާރަށް ނުފޫޒު ފޯރުވަން ދޭ ޖާގައެއް ކަމަށާއި ބައެއް ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދަން މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
އިލެކްޝަނުން ހާމަ ނުކުރާ މައުލޫމާތު ޕީއެންސީން ހާމަ ކުރަމުންދާ ކަމަށާއި، ޓައިމްލައިނެއް ނެތުމުން އިލެކްޝަނުން ކަންކަން ކުރާ ގޮތް ސާފެއް ނުވާ ކަމަށްވެސް އަބުދުﷲ ވަހީދު ވިދާޅުވި އެވެ.
ރޭގަ އެމްޑީޕީގެ މެނިފެސްޓޯގެ ފުރަތަމަ ޕިލަ 'ރައްޔިތުންނަށް ބާރު' ވަނީ ތައާރަފުކޮށްފަ އެވެ.
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ގެނެސްދިން އެއްޗެއް ކަމަށާއި ބަގާވާތަށްފަހު އޭރުގެ އިދިކޮޅު ފަރާތްތަކުން ލާމަރުކަޒީ ނިޒާމު ފަހަތަށް ދުއްވާލި ކަމަށް އެމްޑީޕީން ބުންޏެވެ. އަނެއްކާ ވެސް 2018 ގައި އެމްޑީޕީން ވެރިކަމަށް އައުމަށްފަހު ކުރީ އެ ނިޒާމު ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށާއި އެމްޑީޕީ ކައުންސިލު އިންތިހާބު މެނިފެސްޓޯގެ ދެވަނަ ޕިލަ 'ވިޔަފާރިއަށް ފަހި' އަންނަ ހަފުތާގައި ރާއްޖޭގެ އުތުރުގައި ލޯންޗު ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އަދި ތިންވަނަ ޕިލާ 'ފަހި ދިރިއުޅުން' މިމަހުގެ 12 ވަނަ ދުވަހުގެ ރޭ މާލޭގައި ލޯންޗު ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީއިން މިހާރު ވަނީ ކައުންސިލު އިންތިހާބަށް ކެންޑިޑޭޓުން ތަމްރީނު ކުރުމުގެ މަސައްކަތް ފައްޓާފައި ކަމަށާއި އެގޮތުން އައްޑުއާއި ފުވައްމުލަކުގައި ޓްރޭނިން ބާއްވާފައިވާއިރު، ގދ.ތިނަދޫގައި އަންގާރަ ދުވަހު ޓްރޭނިން ބާއްވާނެ އެވެ.
