
އަތޮޅުތެރޭގައި ތަރައްގީކުރާ 6 ހޮސްޕިޓަލެއްގެ މަސައްކަތް މި އަހަރު ނިމޭނެ
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްގީކުރަމުން އަންނަ ހަ ހޮސްޕިޓަލެއްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމައި، ޚިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޝަރީފް ވިދާޅުވީ މި ފަސްއަހަރު ނިމިގެންދާއިރު ރާއްޖޭގެ ސިއްހީ ނިޒާމުގައި އުމްރާނީގޮތުން އިންގިލާބީ ބޮޑު ބަދަލެއް ފެނިގެންދާނެކަމަށެވެ. އެގޮތުން މިހާރުވެސް ގިނަ ހޮސްޕިޓާތަކެއް އެޅުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވި ގޮތުގައި މިއަހަރު ތެރޭގައި ހއ.ހޯރަފުށި، ނ.ކެނދިކުޅުދޫ، ރ.ދުވާފަރު، ބ.ތުޅާދޫ، ޅ.ހިންނަވަރު އަދި ކ.ގުރައިދޫގެ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް ނިމޭނެއެވެ.
ސިއްހީ ހިދުމަތް ހޯދުމަށް މާލޭގެ ހޮސްޕިޓަލުތަކަށް ބަރޯސާވެ މާލެ އަންނަންޖެހުމަކީ މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހޭ ބޮޑުކަމެކެވެ. މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތް ތަކުގެ ތެރެއިން އަތޮޅުތަކުގެ ހޮސްޕިޓަލްތައް އަޕްގްރޭޑްކުރުމުގެ ގޮތުން ބޭނުންވާ ސިއްހީ ވަސީލަތްތައް ހޯދުންފަދަ މަސައްކަތްތައް ދަނީ ކުރިއަށްދަމުންނެވެ.
ރަށްރަށުގެ އިތުރުން މާލެ ސަރަޙައްދުގައިވެސް އައު ހޮސްޕިޓަލްތަކާއި ޖީޕީ ކްލިނިކްތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް ބޮޑު އިސްކަމެއް ދީފައިވާއިރު، މިއަހަރުގެ ތެރޭގައި އިތުރު ގިނަ މަޝްރޫއުތަކެއް އަލަށް ފެށިގެންދާނެ ކަމަށްވެސް ސިއްހީ ވުޒާރާއިން މައުލޫމާތު ދެއެވެ.

