
ނޯތު ހާބަރުގެ 'އޭ ޒޯން' އަށް އަލުން އުޅަނދުތައް ބަނދަރު ކުރަން ފަށައިފި
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމް.އެމް.އޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުތައް، މިހާރު ވަނީ އަލުން މާލޭ ނޯތު ހާބަރުގެ 'އޭ ޒޯން' (ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑު) އަށް ބަނދަރުކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތަށްޓަކައި މީގެ ކުރިން ނޯތު ހާބަރުން ޚިދުމަތް ހޯދަމުންދިޔަ އުޅަނދުތައް ވަނީ އެމްއެމްއޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް، މަސައްކަތްތައް ނިމުމާ ގުޅިގެން މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުތައް މިހާރު އަލުން 'އޭ ޒޯން' އަށް ބަނދަރުކުރަން ފަށާފައިވާ ކަމަށް އެމްޕީއެލް އިން މަޢުލޫމާތު ދެއެވެ.
އެމްޕީއެލް އިން ހާމަކުރި ގޮތުގައި، މި ސަރަހައްދުގެ ޚިދުމަތްތައް އަލުން ފެށިއިރު، މީގެ ކުރިން އެ ތަނުން ލިބެން ނެތް ފެނާއި ކަރަންޓުގެ ޚިދުމަތް މިހާރު ވަނީ އުޅަނދުފަހަރަށް ފޯރުކޮށްދޭން ފަށާފައެވެ. އަދި ބަނދަރުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު އަލަށް ފައްތައި، މުޅިން އައު ފައްތިއްޔާތައް މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. މި ބަދަލާއެކު، އުޅަނދުފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އަދި މި ބަދަލާއެކު، އެ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެމްޕީއެލް އިން ބުނެއެވެ.
ހަމައެއާއެކު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ 'ބީ ޒޯން' (ހުޅަނގު ފަރާތު ތޮށިގަނޑު) އަށް އުޅަނދުތައް ބަދަލުކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

