މިދިޔަ މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވް 400 މިލިޔަން ޑޮލަރަށްވުރެ އިތުރު
ވިޔަފާރި

މިދިޔަ މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވް 400 މިލިޔަން ޑޮލަރަށްވުރެ އިތުރު

އއައިނީ
April 19, 2026

މިދިޔަ މާރިޗު މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވް 400 މިލިޔަން ޑޮލަރަށް ވުރެ އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ރައްޖެއިން ސުކޫކް ދެއްކުމުގެ ކުރިން ރިޒާވް ހުރި މިންވަރެކެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައްކުން ދައްކާ ގޮތުގައި، ރަސްމީ ރިޒާވް ވަނީ އޭގެ ކުރީ މަހާ އަޅައި ބަލާއިރު އިތުރުވެފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް، ރަސްމީ ރިޒާވުގައި ހުރީ، 1.27 ބިލިޔަން ރުފިޔާއެވެ. ނަމަވެސް މާޗު މަހު މިއަދަދު އިތުރުވެ، 1.33 ބިލިޔަން ރުފިޔާއަށް ވަނީ އަރައިފައެވެ. ތަފާސްހިސަބުތަކުން ދައްކާގޮތުގައި މިއީ %4.7 ގެ ކުރިއެރުމެކެވެ. މިއީ ރަސްމީ ރިޒާވް މިހާތަނާށް އެންމެ މަތިވި ފަހަރެވެ.

ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް އައިސްފައިވާއިރު، ބޭނުން ކުރެވޭ ރިޒާވަށްވެސް ވަނީ އިތުރުވެފައެވެ. ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ.

މިއީ ރިޒާވުން ވަގުތުން ބޭނުން ކުރަން ހުރި އަދަދެވެ. ތަފާސް ހިސާބަށް ބަލާއިރު، ހުސްވި ފެބުރުވަރީ މަހުގެ ނިޔަލަށް ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ހުރީ، 1.03 ބިލިޔަން ޑޮލަރުގައެވެ.

ރަސްމީ ރިޒާވް ހަރުދަނާވުމާއެކު ދައުލަތުގެ ބޭނުންކުރެވޭ ރިޒާވަށް ކުރިއެރުން ލިބިފައިވާއިރު، މިދިޔަ ފެބުރުވަރީ މަހުގެ ނިޔަލަށް، ބޭނުން ކުރެވޭ ރިޒާވް ހުރީ، 337 މިލިޔަން ޑޮލަރުގައެވެ. ނަމަވެސް މާޗް މަހުގެ ނިޔަލަށް މިއަދަދު 400 މިލިޔަން ޑޮލަރު ހުރަސްކޮށްފައިވެއެވެ. މާރިޗުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ގާތް ގަނޑަކަށް، 409 މިލިޔަން ޑޮލަރު ހުރިއިރު، މިއީ %21.3 ގެ ކުރިއެރުމެކެވެ.

ރަސްމީ ރިޒާވަށް ކުރިއެރުން އައިސްފައިވާއިރު މާޗް މަހުގެ ނިޔަލަށް ހުރި މި އަދަދުތަކަކީ ރާއްޖެއިން މިހާތަނަށް ދައްކަން ޖެހެނު އެންމެ ބޮޑު ދަރަނި ކަމުގައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމުގެ ކުރިން ހުރި އަދަދެވެ. ގާތްގަނޑަކަށް 8.1 ބިލިޔަން ރުފިޔާ މި ދަރަނި ދައްކަން ހޭދަކޮށްފައިވާއިރު، މި ދަރަނި ދެއްކުމަށް ތައްޔާރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މި ދަރަނި އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި ދައުލަތުގެ ރިޒާވު ބޭނުންކޮށްގެން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު