އެސްޑީއެފްއަށް 923 މިލިއަން ރުފިޔާ ޖަމާކޮށްފި
ވިޔަފާރި

އެސްޑީއެފްއަށް 923 މިލިއަން ރުފިޔާ ޖަމާކޮށްފި

އއައިނީ
June 15, 2026

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް މި އަހަރު 923 މިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓަށް ބަލާއިރު މޭ 14 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްއަށް 923.3 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ މި އަހަރު ނިމޭއިރު މި ފަންޑަށް 2.4 ބިލިއަން ރުފިޔާ ޖަމާކުރުމެވެ.

މިއަހަރުގެ މި މުއްދަތުގައި އެސްޑީއެފްއަށް ޖަމާވި ފައިސާގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި މި ފަންޑަށް ޖަމާކޮށްފައިވަނީ 776 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ 18.9 ޕަސަންޓުގެ ކުރިއެރުމެކެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މި އަހަރު 2.4 ބިލިއަން ރުފިޔާ ޖަމާކުރަން ވަނީ ކަނޑައަޅާފަ އެވެ. މި އަހަރުގެ މިހާތަނަށް އެސްޑީއެފްއަށް ޖަމާކުރެވުނީ އެ ފަންޑަށް ޖަމާކުރަން ކަނޑައެޅި އަދަދުގެ 38 ޕަސެންޓެވެ.
އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި ފަންޑެކެވެ.
ކުއްލި ހާލަތްތަކުގައި ލޯނުތައް ދެއްކުމުގެ ގާބިލްކަން ހޯދުމުގެ މަގުސަދުގައި 2017 ވަނަ އަހަރު އުފެއްދި މި ފަންޑަކީ ދައުލަތުގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ ފަންޑެކެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު