ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކޮށްފި
ވިޔަފާރި

ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކޮށްފި

އއައިނީ
June 15, 2026

އުރީދޫ މޯލްޑިވްސް އިން ރާއްޖެ އަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޚިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޭޕަލްގެ ނައިބު ރައީސް އަދި ޖެނެރަލް މެނޭޖަރ އާމިރު ވިލިއާނީ ވިދާޅުވީ ޕޭޕަލްގެ ޒަރިއްޔާ އިން ރާއްޖޭގައި އިތުބާރު ކުރެވޭ މާލީ މުއާމަލާތްތަކެއް ޤާއިމުކުރެވުމަކީ މީހުންނާއި ވިޔަފާރިތައް ގުޅި ލާމެހުމަށް ހުޅުވިގެންދާ މުހިންމު ދޮރެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ސަރުކާރުން ގެންގުޅޭ 2.0ގެ ތަސައްވުރާއި ގުޅިގެން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިއީ އިގްތިސާދީ ސިންދަފާތުކުރުންތަކުގައި ރާއްޖެ އާ ހަރުފަރތަކަށް ގެންދާނެ ކަމެއް ގޮތުގައި އާމިރު ވަނީ ސިފަކުރައްވާފައެވެ.

ރާއްޖޭގައި ޕޭޕަލް ހިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހުނުކަން އިއުލާން ކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހެެވެ. މި ހިދުމަތް ރާއްޖޭގައި ދޭނީ އުރީދޫ ފިންޓެކް ގުޅިގެންނެވެ. ރާއްޖޭގައި ބޭނުންކުރާ ހުރިހާ ފޯނު ނަމްބަރުތަކަށް ވެސް އުރީދޫގެ އެމްފައިސާ މެދުވެރިކޮށް، ޕޭޕަލްގެ ހިދުމަތް ލިބޭނެއެވެ. ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފް ކުރަން އުރީދޫން ނިންމިއިރު، އެކަމަށްޓަކައި ނަގަންޖެހޭ އިންވާޑް ރެމިޓެންސް ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ އުރީދޫއަށް ދީފައެވެ.

މި ޚިދުމަތަކީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އުރީދޫން ސިފަކުރެއެވެ. ޚާއްސަކޮށް އޮންލައިންކޮށް މަސައްކަތްކުރާ ފްރީލާންސަރުންނަށާއި ކުދި ވިޔަފާރިތަކަށް، ބޭރު ގައުމުތަކުން ފަސޭހަކަމާ އެކު ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހުމަކީ ރާއްޖޭގެ ކްރިއޭޓިވް އިގްތިސާދު އާ އުސްމިންތަކަކަށް ގެންގޮސްދޭނެ ކަމެކެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު