
ރާއްޖެއަށް މާދަމާއަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސް
މާދަމާއަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަނޑައަޅުއްވައިފިއެވެ.
މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައެޅީ މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހަނދު ސާބިތުކުރުމުގެ ޖަލްސާއަށްފަހުއެވެ.
އެގޮތުން، ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާއަށްފަހު ހަނދާ ގުޅޭގޮތުން ނެރުއްވި ބަޔާނުގައި ވަނީ، ޙިޖްރީ ސަނަތުން 1447 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވީ އަންގާރަ ދުވަހުގެ އިރު އޮއްސުމުގެ ފަހުން، ދިވެހިރާއްޖެއަށާއި އިސްލާމީ ބައެއް ޤައުމުތަކަށް މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތީގައި ހުންނާނޭކަމަށް އިތުބާރުހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާތީއާއި އިސްލާމީ ބައެއް ޤައުމުތަކަށް ރަމަޟާން މަހުގެ ހަނދު ފެނުނުކަން ސާބިތުވާތީ، ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ދިވެހިރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެމަތިން، މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅާކަމަށެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ނެރުއްވާފައިވާ ހަނދު ސާބިތުކުރުމުގެ ބަޔާނުގައި ވަނީ، މި ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދައިގެ ފަރުޟު އަދާކުރުމަށް ފަރުވާތެރިވުމަށާއި މި މާތް މައްސަރުގައި މާތްﷲގެ ރުއްސެވުމާއި މަޣުފިރަތަށް އެދި ހެޔޮ ޢަމަލުތައް ގިނަކުރުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ނަސޭޙަތްތެރިވެވަޑައިގަންނަވާފައެވެ.
ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި ޢަމަލުކުރަމުން އަންނަނީ، ރާއްޖެއަށް ހަނދު ނުފެނިއްޖެނަމަ ފަލަކީ ހިސާބަށް ބެލުމާއި މުސްލިމު ބޮޑެތި ޤައުމަތަކަށް ހަނދު ފެނޭތޯ ބެލުމެވެ.
ރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުން ވެސް މާދަމާ (18 ފެބްރުއަރީ 2026) އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހުއެވެ.

