
މިދިޔަ މަހު ދައުލަތަށް 2.05 ބިލިޔަން ރުފިޔާގެ އާމްދަނީއެއް
މިދިޔަ މޭ މަހު ދައުލަތަށް 2.05 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން މަހުން މަހަށް އާންމު ކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މޭ މަހު އާމްދަނީ ލަފާކުރި މިންވަރަށްވުރެ ދަށެވެ. އެގޮތުން މޭ މަހުގެ އާމްދަނީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މޭ މަހު ދައުލަތަށް ޑޮލަރު އާމްދަނީ ހިމެނޭހެން ޖުމްލަ 2.05 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.
ޑޮލަރު އާމްދަނީ ގޮތުގައި މިދިޔަ މަހު ލިބިފައިވަނީ 88.54 މިލިޔަން ޑޮލަރެވެ. މި އަދަދަކީ މި އަހަރުގެ މޭ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 0.3 ޕަސެންޓް އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނިއަށްވުރެ 5.8 ޕަސެންޓް ދަށް އަދަދެކެވެ.
އަންދާޒާ ކުރި ވަރަށްވުރެ އާމްދަނީ ދަށްވި މައިގަނޑު އެއް ސަބަބަކީ ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ އާއި ގްރީން ޓެކުހާއި ރިސޯޓުތަކުގެ ކުލީގެ އިތުރުން ކޯޓާ ފީއިން ލިބުނު އާމްދަނީ ދަށްވުމެވެ.
އާމްދަނީ ދައްވުމުގައި މޭ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 19.5 އިންސައްތަ ދަށްވުމާއި، މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ޖީއެސްޓީ އަދި ފަތުރުވެރިކަމުގެ ބިމު ކުލި ބިދޭސީންގެ ކޯޓާ ފީ ދަށްވުން ހިމެނެއެވެ. މީރާއިން ބުނީ މިދިޔަ އަހަރު މޭ މަހު ލީސް އެކްސްޓެންޝަން ފީ އެއް ނުލިބޭ ނަމަވެސް މިއަހަރު އެބައި އާމްދަނީއަށް އިތުރުވެފައިވާ ކަމަށެވެ.
މީރާއިން ބުނީ މީގެ އެންމެ ބޮޑު ސަބަބަކީ މިހާރު މެދު އިރުމަތީގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުން ކަމަށެވެ.
ލަފާކުރި އަދަދަށްވުރެ އާމްދަނީ ދަށްވުމުގައި މިދިޔަ އަހަރު މޭ މަހާއި އަޅާބަލާއިރު ދަށްވި ސަބަބުތައް މީރާއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޖީއެސްޓީ އަދި ފަތުރުވެރިކަމުގެ ބިމު ކުލި ބިދޭސީންގެ ކޯޓާ ފީ ދަށްވުން މީރާއިން ވަނީ ފާހަގަކޮށްފައެވެ.
މީރާއިން ބުނީ މިމަހުގެ ލިބުނު އާމްދަނީގެ 13.8 އިންސައްތަ އަކީ، މީގެ ކުރިން މަސްތަކުގައި ދައްކަން ޖެހޭ މުއްދަތު ފަހަނައެޅުމަށްފަހު ދައްކާފައިވާ ފައިސާ ކަމަށެވެ. އަދި އާމްދަނީގެ 21.9 އިންސައްތަ އަކީ، މީރާގެ އިސްނެގުމަށް ކުރި މަސައްކަތުން އާމްދަނީގެ ތެރެއިން ނުލިބި ހުރި ފައިސާ ކަމަށް އެއިދާރާއިން ހާމަކުރެއެވެ.
މީރާގެ އާމްދަނީގެ ބޮޑު ބައެއް މިދިޔަ މޭ މަހު ހިއްސާ ކުރީ ޓެކްސް އާމްދަނީ ކަމަށް ވީއިރު، ޓެކްސް އާމްދަނީގެ ތެރެއިން 1.15 ބިލިޔަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާކަމަށް މީރާއިން ބުނެއެވެ. މިއީ އާމްދަނީގެ 56.3 އިންސައްތަ އެވެ. އާމްދަނީން ނަގާ ޓެކްހުގެ ގޮތުގައި، 234 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސް އާމްދަނީ 6.8 އިންސައްތަ ހިއްސާކުރާއިރު، 139 މިލިޔަން ރުފިޔާ ގްރީން ޓެކުހުން ދައުލަތަށް ލިބިފައިވެ އެވެ.
މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މޭ މަހު 158 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ޑިޕާޗާ ޓެކުހުގެ ގޮތުގައި 156 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި 7.1 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މީރާއިން ދަނީ ގަވާއިދުތަކުގެ ތެރެއިން ނުލިބި ހުރި އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



