ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، ޚާއްސަ ތަމްރީން ޕްރޮގްރާމެއް ފައްޓައިފި
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، ޚާއްސަ ތަމްރީން ޕްރޮގްރާމެއް ފައްޓައިފި

ރރިޒްނާ ޒަރީރު
February 3, 2026

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި އެވެ.

މި ތަމްރީނުތަކަކީ ފޮޓޯގްރަފީ އަދި އާޓް ސްކިލްސްގެ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެކެވެ. މި ކޯސްތަކުގައި ކިޔަވައިދިނުމާއި ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ އެންމެހައި ކަންކަން ބައްޓަންކޮށްފައިވަނީ، ބައިވެރިންގެ ޚާއްޞަ ބޭނުންތަކަށް ރިޢާޔަތްކޮށް، އެފަރާތްތަކަށް އެންމެ ފަސޭހަވާނެފަދަ އިންތިޒާމުތަކަކާ އެކުގަ އެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ފޮޓޯގްރަފީ ކުލާސްތަކުގައި، ކެމެރާއާއި ފޮޓޯގްރަފީގެ ސާމާނު ބޭނުންކުރާނެ ގޮތުގެ އަމަލީ ތަމްރީނާއި، ފޮޓޯ އެޑިޓްކުރުމުގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދެވޭނެ އެވެ. ހަމައެއާއެކު، އާޓް ސްކިލްސް ކޯހުގެ ބައިވެރިންނަށް ކުރެހުމުގެ ފަންނާއި، ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން އުފެއްދުންތެރި މަސައްކަތްތައް ކުރުމުގެ ތަމްރީނު ލިބިގެންދާނެ އެވެ. މި ތަމްރީނުތަކުގެ މައިގަނޑު އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، ފަންނީ ހުނަރުވެރިކަން ތަރައްގީކުރުމެވެ.

ޖުމްލަ 22 ފަރާތަކާއިއެކު 06 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (MQA) ގަބޫލުކުރާ ލެވެލް 3 ގެ ސެޓިފިކެޓެއް ލިބިގެންދާނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް، އިޖުތިމާޢީ އަދި އިޤްދިސާދީ އެކި ދާއިރާތަކުން ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ މިފަދަ ފަރާތްތައް ޝާމިލުކުރުން އިތުރު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ބައެވެ. 

އެމަނިކުފާނުގެ އެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން، މުޖުތަމަޢުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ބާރުއެޅުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ އަމާޒުގައި މި ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

 

ޚިޔާލުފާޅުކުރުން

ކޮމެންޓު