އީސީގެ މެންބަރުކަމަށް ރިފްޢަތު އައްޔަންކުރައްވައިފި
ރާއްޖެ

އީސީގެ މެންބަރުކަމަށް ރިފްޢަތު އައްޔަންކުރައްވައިފި

އއައިނީ
February 23, 2026

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ މިއަދު ޢައްޔަންކުރައްވައިފިއެވެ.

މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އާއި ޙަވާލުކޮށްދެއްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރުކަންވެސް ކުރިން ކުރައްވާފައިވާ ރިފްއަތު އެންމެ ފަހުން ހުންނެވީ، ހައްޖު ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަގާމުގައެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ރިފްއަތު އައްޔަންކުރެއްވިއިރު، އެ ކޮމިޝަނުގެ މެންބަރެއް ކަމަށްވާ ޑރ. މުޙައްމަދު ޒާހިރުގެ ދައުރު ހަމަވާތީ އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ޖެނުއަރީ މަހު ވަނީ ހުޅުވާލާފައެވެ.

އީސީގެ މެންބަރު ކަމަށް ބޭފުޅުން އައްޔަންކުރެވޭނީ އެކަމަށް ކުރިމަތިލުމަަށް ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިން ނަމެއް މަޖިލީހުން ފާސްކުރުމުންނެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު