ހިޔާ އަދި ވެށިފަހިއިން ލިޔުން ލިބުނު މީހުން ފޯމު ހުށައަޅަން ލުއިތަކެއް
ރާއްޖެ

ހިޔާ އަދި ވެށިފަހިއިން ލިޔުން ލިބުނު މީހުން ފޯމު ހުށައަޅަން ލުއިތަކެއް

އއައިނީ
February 19, 2026

ވެށިފަހި މަޝްރޫޢާއި ހިޔާ މަޝްރޫޢަށް ހޮވި ފްލެޓް ނުލިބުނު މީހުން، އެކަމާ ގުޅޭ ލިޔެކިޔުން ނެތްނަމަ ފުލެޓް ލިސްޓުގައި ހިމެނުނުކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓުގައި ވަނީ، ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓް ނުލިބޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީއަށް އެޕްލައި ކުރާއިރު، ފުލެޓު ލިބޭނެ ކަމުގެ ލިޔުން ނެތްނަމަ، ފުލެޓް ލިބޭނެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެ ކަމަށެވެ.

އެގޮތުން ކަމާގުޅޭ އިދާރާއަކުން އާންމުކޮށްފައިވާ ލިސްޓަކުން ނުވަތަ ދޫކޮށްފައިވާ އެހެން ލިޔުމަކުން އެފަރާތަކަށް ފުލެޓު ލިބޭނެކަން ކަށަވަރުވާނަމަ، އެފަދަ މައުލޫމާތެއް ނުވަތަ ލިޔުމެއް ހުށަހެޅިދާނެ ކަމަށް ބުނެފައިވެއެވެ.

ހިޔާ މަޝްރޫއަކީ، 2017ވަނަ އަހަރު އޭރުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. އަދި ވެށިފަހި މާލެ މަޝްރޫޢަކީ 2010ވަނަ އަހަރު، މާލޭގެ ރަށްވެހިންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

ވެށިފަހި ސްކީމްގައިވެސް، އެ ސްކީމުން ބޯހިޔާހިކަން ލިބޭނެ ކަމަށް ކަނޑައެޅި ފަރާތްތަކުގެ ތެރެއިން 160އެއްހާ މީހުންނަށް ބޯހިޔާވަހިކަން ނުލިބޭ ކަމަށް ބުނެ 2020ވަނަ އަހަރު ހުޅުވާލި ފުރުސަތެއްގައި ޝަކުވާގެ ގޮތުގައި ހުށައަޅާފަވެއެވެ. އަދި ހިޔާގެ އެކި ކެޓަގަރީތަކުންވެސް ފްލެޓް ލިބޭނެ ކަމަށް ލިސްޓުގައި ހިމެނި ގިނަ ބަޔަކަށް އެ ފުރުސަތު ލިބިފައެއް ނުވެއެވެ.

ސަރުކާރުގެ ބޯހިޔާވެހިކަން އެންމެނަށް ޕްރޮގްރާމްގެ ދަށުން ފްލެޓުތައް ދިނުމުގައި 15 ކެޓަގަރީއެއް ވަނީ ކަނޑައަޅައިފައެވެ. މި 15 ކެޓަގަރީގެ އިތުރުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓު އަދި މާލޭގައި ރަށްވެހިފައިނުވާ، މާލޭގައި ދިރިއުޅޭ ފަރާތްތަކަށް 1،500 ފްލެޓު ކަނޑައަޅާފައިވެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފަވަނީ 17 އޭޕްރިލުގެ ނިޔަލަށެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު