
ރ. އަލިފުށީ އަލިފާނުގެ ހާދިސާ: އަނދާހުލިވި ގޭތެރެއިން ފެނުނު ހަތިމް، ކުޅަދުންވަންތަކަމުގެ ހެއްކެއް
ރ. އަލިފުށީ އަލިފާނުގެ ހާދިސާ: އަނދާހުލިވި ގޭތެރެއިން ފެނުނު ހަތިމް، ކުޅަދުންވަންތަކަމުގެ ހެއްކެއް
ރ. އަލިފުށީގައި އިއްޔެ ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި، އެއް ގޭބިސީއެއް މުޅިން އަނދާހުލިވެފައިވާއިރު، އެ ގޭގައި އޮތް ހަތިމް (ޤުރުއާން) އަލިފާނުން އެންމެ އަކުރެއްގެ މިންވަރުވެސް އަނދާފައި ނުވެއެވެ. މި ހާދިސާގައި ގެ އެއްކޮށް އަނދައި ހުލިވިއިރު، ޤުރުއާނުގެ އެންމެ އަކުރަކަށްވެސް ގެއްލުމެއް ނުލިބި ވުމަކީ، އެ ރަށުގެ ރައްޔިތުންނާއި، މި ހާދިސާގެ ޚަބަރު ލިބުނު ގިނަ ބަޔަކަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބިފައިވެއެވެ. މިއީ މާތް ﷲގެ ކުޅަދުންވަންތަކަން ހާމަވެގެންދިޔަ އަޖައިބުކުރުވަނިވި ހާދިސާއެއް ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
މި ހަތިމް ފެނިފައިވަނީ، ގޭގެ ތެރޭގައި ހުރި ތަކެތި މުޅިން އަނދާ، ހުލިވެފައި ހުއްޓައެވެ. ނަމަވެސް ޤުރުއާނުގެ އެންމެ އަކުރެއްވެސް އަނދާފައި ނުވާކަމަށް ފެނުނު މީހުން ހެކިދެއެވެ.
މާތް ﷲ ވަނީ އެކަލާނގެ ބާވައިލެއްވި ޤުރުއާން ރައްކާތެރިކުރައްވާނެ ކަމަށް ވަޢުދުވެވޮޑިގެންފައެވެ. އެގޮތުން، ސޫރަތުލް ޙިޖްރުގެ 9 ވަނަ އާޔަތުގައި ވަނީ މިފަދައިން ބަޔާންކުރައްވާފައެވެ:
**إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَٰفِظُونَ**
(ހަމަކަށަވަރުން ޤުރުއާން ބާވައިލެއްވީ ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުންވެސް ތިމަންރަސްކަލާނގެ އެ ޤުރުއާން ރައްކާތެރިކުރައްވާހުށީމެވެ.)
މި އާޔަތުން ދޭހަވަނީ މާތް ﷲ އެކަލާނގެ ބާވައިލެއްވި ފޮތް، އެއްވެސް ބަދަލެއް ނުގެނެސް، ނުވަތަ އެއްވެސް ގެއްލުމެއް ނުލިބި، ޤިޔާމަތާ ހަމައަށް ދެމެހެއްޓެވުމުގެ ކުޅަދުންވަންތަކަމެވެ. އަލިފުށީގެ ހާދިސާއަކީ މި އިލާހީ ވަޢުދު ހަގީގަތަކަށް ވާކަމުގެ ދުނިޔަވީ ހެއްކެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ރައްޔިތުން ދަނީ މިކަމާ ގުޅިގެން ޝުޢޫރު ފާޅުކުރަމުންނާއި، މާތް ﷲގެ ކުޅަދުންވަންތަކަމަށް ތަޢުރީފު ކުރަމުންނެވެ.

