ގަލްފުގައި އެމެރިކާގެ ތަންތަނަށް ދޭ ހަމަލާ ކުށްވެރިކޮށް ރާއްޖެއިން ނެރުނު ބަޔާނަށް އާއްމުންގެ ފާޑުކިޔުން
ރާއްޖެ

ގަލްފުގައި އެމެރިކާގެ ތަންތަނަށް ދޭ ހަމަލާ ކުށްވެރިކޮށް ރާއްޖެއިން ނެރުނު ބަޔާނަށް އާއްމުންގެ ފާޑުކިޔުން

ރރާޅު މީޑިއާ
March 10, 2026

ރާއްޖެއިން، ތެހެރާނުން ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ ތަންތަނަށް ދޭ ހަމަލާތައް ކުށްވެރިކޮށް، އެއީ އެ ޤައުމުތަކަށް ދެވޭ ހަމަލާތަކެއް ކަމަށް ބުނެ ނެރުނު ބަޔާނާ ގުޅިގެން، އާއްމުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ރައްދުވެފައެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ މި ބަޔާނަކީ ރާއްޖޭގެ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ސިޔާސަތާ ނުގުޅޭ އަދި ރާއްޖޭގެ ނިއުޓްރަލިޓީއަށް ބުރޫއަރާފަދަ ބަޔާނެއް ކަމަށް ސިފަކޮށްފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ ތަންތަނަށް ދެވޭ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިފަދަ ހަމަލާތަކަކީ އެ ޤައުމުތަކުގެ ސިޔާދަތީ މިނިވަންކަމާއި ސަރަހައްދީ ހަމަޖެހުމަށް އޮތް ބިރުވެރިކަމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުއާހަދާތަކަށް އިޙްތިރާމް ކުރުމަށް ރާއްޖެއިން ގޮވާލާ ކަމަށާއި، މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރުމަށް ބާރުއަޅާ ކަމަށެވެ. މި ބަޔާނަކީ ގަލްފު ސަރަހައްދުގައި ފެންމަތިވެފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއިން ނެރުނު ބަޔާނެކެވެ.

ފޮރިން މިނިސްޓްރީން މި ބަޔާން ނެރުމާއެކު، ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ބަހުސް ފެށިގެން ދިޔައެވެ. ގިނަ ބަޔަކު ފާޅުކުރަމުން ދިޔަ އެންމެ ބޮޑު ކަންބޮޑުވުމަކީ، ރާއްޖެއަކީ ބައިނަލްއަޤްވާމީ މައްސަލަތަކުގައި ނިއުޓްރަލްކަން ދަމަހައްޓަން މަސައްކަތް ކުރާ ކުޑަ ޤައުމެއް ކަމަށް ވާއިރު، މިފަދަ މައްސަލައެއްގައި އެއް ފަރާތަކަށް ޖެހި، އަޑުއުފުލުން ހެޔޮނުވާނެ ކަމެވެ. ބައެއް ފަރާތްތަކުން ބުނި ގޮތުގައި، ރާއްޖޭގެ މި ބަޔާނަކީ އެމެރިކާއަށް ތާއީދުކޮށް ނެރުނު ބަޔާނެކެވެ. އަދި، ތެލާއި ހަމަޖެހުމުގެ މައްސަލަތައް ގިނަ ސަރަހައްދެއްގައި އެފަދަ ބަޔާނެއް ނެރުމަކީ ރާއްޖޭގެ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

އެހެން ފަރާތްތަކުން ފާހަގަކުރި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާދައިގެ ރައްޔިތުންނަށް ކުރިމަތިވާ އަނިޔާވެރިކަންތަކާއި، މިހާރު ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ކަންކަމުގައި ރާއްޖެއިން މިފަދަ ވަރުގަދަ އަޑެއް ނާޅާ ކަމަށެވެ. އެހެންކަމުން، އެމެރިކާގެ މަސްލަހަތު ހިމެނޭ މައްސަލައެއްގައި މިފަދަ ވަރުގަދަ ބަޔާނެއް ނެރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދެފުށް ދެގޮތްކަން ހާމަވާ ކަމެއް ކަމަށް ވެސް ފާޑުކިޔުންތެރިން ބުނެފައި ވެއެވެ. އާއްމުންގެ ތެރެއިން ގިނަ ބަޔަކު ދެކޭ ގޮތުގައި، ރާއްޖެއިން އޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރަން ޖެހޭނީ އަމިއްލަ މިނިވަންކަމާއި ނިއުޓްރަލިޓީގެ މައްޗަށެވެ. ނަމަވެސް މި ބަޔާނުން ދައްކުވައިދެނީ އެ ސިޔާސަތާ ޚިލާފު ގޮތަކަށް ރާއްޖެއިން އަމަލުކުރާ ކަމެވެ.

ގަލްފު ސަރަހައްދަކީ ދުނިޔޭގެ ތެލުގެ މުއްސަނދިކަން އެންމެ ގިނަ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ. މި ސަރަހައްދުގައި އެމެރިކާއާއި އިރާނާ ދެމެދު ވަނީ ދުވަސްވީ ނުގުޅުމެއް އުފެދިފައެވެ. އަދި މި ދެޤައުމުގެ ފިނި ހަނގުރާމަ ގިނަ ފަހަރު ވަނީ ކުދިކުދި ހަމަލާތަކަށް ބަދަލުވެފައެވެ. މިފަދަ މައްސަލަތަކުގައި ކުދި ޤައުމުތަކުން ބަޔާން ނެރުމަކީ އާންމު ކަމެއް ނޫނެވެ. ރާއްޖެއިން މިފަދަ ބަޔާނެއް ނެރުމުގެ ސަބަބަކީ ކޮބައިކަން ސާފުކޮށް ރަސްމީ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މީގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު އަލުން މުރާޖަޢާ ކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

ތެހެރާނުން ގަލްފުގެ ޤައުމުތަކުގައިހުރި އެމެރިކާގެ ތަންތަނަށް ހަމަލާދިނުން ކުށްވެރިކޮށް ރާއްޖެއިން ނެރުނު ބަޔާން، އާއްމުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކާ ކުރިމަތިވެފައި ވާއިރު، މިކަމުން ދައްކުވައިދެނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން އާއްމުންގެ ތެރޭގައި އޮތް ބަހުސެވެ. މިފަދަ މައްސަލަތަކުގައި ކުޑަ ޤައުމުތަކުން އަމަލުކުރަންޖެހޭ ގޮތާއި، ބައިނަލްއަޤްވާމީ މައްސަލަތަކުގައި ނިއުޓްރަލްކަން ދެމެހެއްޓުމުގެ މުހިންމުކަމާ ބެހޭގޮތުން އިތުރަށް ބަހުސްކުރުން މުހިންމުކަން މި ހާދިސާއިން ހާމަވެއެވެ. މި ބަޔާނުގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ގުޅުންތަކަށް ދުރު ރާސްތާގައި ކުރާނެ އަސަރަކީ ކޮބައިތޯ ބަލައިލުން މުހިންމެވެ.

އެންމެ ގިނަބައެއްގެ ފާޑުކިޔުން ހުރީ އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނަށް ހަމަލަދިނުމުން ނުފެންނަކަމެއްކަމަށް ހަދައިގެން ތިބެ ދިފާއުގަ އީރާނުން ދިން ހަމަލަތަކަށް ފާޑުކިޔުމުންނެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު