
ރައީސްގެ މެޑެއްޔާއި އިނާމު މިއަހަރު 50 ޙާފިޒުންނަށް
ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު މިއަހަރު 50 ޙާފިޒުންނަށް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޒުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން، އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ބާއްވަވާ ޙާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު މިއަހަރު 50 ޙާފިޡުންނަށް ލިބިވަދައިގަންނަވާނެއެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡުންނަށް އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ މެޑެއްޔާއި އިނާމު ދެއްވައިފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި 1446 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައެވެ. އެ އަހަރު 28 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ލިބިވަޑައިގެންނެވިއެވެ.
މި އަހަރަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ހާފިޒުން ދަސްވެނިވާނެ އަހަރެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވީ މި އަހަރަކީ ތާރީހީގޮތުން އެންމެ ގިނަ އަދަދަކަށް ގުރުއާން ހިތުދަސް ފަރާތްތައް ދަސްވެނިވާ އަހަރު ކަމަށެވެ.
ކީރިތި ޤުރުއާނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ކީރިތި ޤުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް ހިތްވަރުދީ އެކަމުގައި ކުރިއަށް ދިޔުމަށް ބާރުއެޅުމަށްވެސް ސަރުކާރުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޙާފިޒުންނަށް ދައުލަތުން ދޭ އެލަވަންސް ދެގުނަ ބޮޑުކުރައްވާފައެވެ. އެގޮތުން 2000 ރުފިޔާއިން 4000 ރުފިޔާއަށް ވަނީ އެލަވަންސް ބޮޑުކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ، މި 5 އަހަރުގެ ތެރޭގައި ކީރިތި ޤުރުއާން ހިތުދަސް ކޮށްފައިވާ ޙާފިޒުންގެ ޢަދަދު 500 އަށް އެރުވުމެވެ. މިވަގުތު މާލެއާއި އަތޮޅުތަކުގައި 1500 އަށްވުރެ ގިނަ ފަރާތުން ޤުރުއާން ހިތުދަސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.

