"ޝީޝާ" މަނާކޮށް ހަކުރުން ސަބްސިޑީ ކަނޑާލާކަށް ނޫޅެން: ރައީސް
ރާއްޖެ

"ޝީޝާ" މަނާކޮށް ހަކުރުން ސަބްސިޑީ ކަނޑާލާކަށް ނޫޅެން: ރައީސް

އއައިނީ
March 8, 2026

ރާއްޖޭގައި ޝީޝާ މަނާކޮށް ހަކުރުން ސަބްސިޑީ ކަނޑާލުމަކީ ސަރުކާރުން ކުރަން އުޅޭ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދަ ގްރޭޓާ އައްޑޫ ވިޝަންގެ ތަފްސީލު ލޯންޗުކުރުމުގެ ރޭ އާޓިފިޝަލް ބީޗުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝީޝާ މަނާކޮށް ހަކުރަށް ދެމުން އަންނަ ސަބްސިދީ ކަނޑާލުމަށް މަޝްވަރާތަކެއް ކުރެވެމުން އަންނަކަމަށް ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ދާދި ފަހުން ވިދާޅުވެފައިވާތީ އެކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އިތުރު ކަންކަން މަނާ ކުރުމުގެ ބަދަލުގައި އާންމުން ހޭލުންތެރިކޮށްގެން ނުރަނގަޅު އާދަކާދަތަކާ ދުރު ކުރުން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާރު ޝީޝާ ބުއި ކަމުގައި ވިޔަސް ކުޑައިރުގައި ބައެއް ދިވެހިން ބޮއެ އުޅުނީ ގުޑުގުޑާއެވެ. އެއީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް އާދަވެފައި ހުރި ކަމަކަށްވީއިރު، މަނާކޮށްގެން އާދަވެފައި ހުރި ކަމަކުން ދުރު ކުރުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހަކުރު އެކުލެވޭ ބުއިންތަކުން ދިވެހިން ދުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

އަދި ހަށިގަނޑަށް ފައިދާވާ މޭވާ އާއި ތަރުކާރީ އަގުހެޔޮ ގޮތެއްގައި ރާއްޖެ އިން ލިބޭނެ ގޮތް ހެދުމާއި ރާއްޖޭގައި އުފެއްދޭނެ ގޮތް ހެދުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތަކީ "ދުޅަހެޔޮ ޑައިޓެއް" ދިވެހިން އިހްތިޔާރު ކުރުމުގެ ސަގާފަތެއް ދިވެހިންގެ ތެރޭގައި އަށަގެންނެވުމެވެ.

ސިއްހީ ކަންކަމުގައި ސަރުކާރުން ނިންމާ ނިންމުންތަކަކީ އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކީގައި ނިންމާ ނިންމުންތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. ޚާއްސަ ކޮށް ނިޒާމީ ގޮތެއްގައި އެފަދަ ކަންކަމުން ދުރުވުމަށް ރައްޔިތުންނަށް ހިތްވަރު ދެމުން ގެންދަވާނެ ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު