ނިމާލް ނިޔާވުމުގެ ހިތާމައިގައި އާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
ރާއްޖެ

ނިމާލް ނިޔާވުމުގެ ހިތާމައިގައި އާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

އއައިނީ
February 26, 2026

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރު އަޙްމަދު ނިމާލް ނިޔާވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ނިމާލްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ނިމާލް ނިޔާވެފައިވަނީ ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ތަމްސީލުކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޙާސިލުކުރައްވާފައިވާ ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު އަޙްމަދު ނިމާލް ނިޔާވުމުގެ ހިތާމައިގައި އެޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. އެމަނިކުފާނުގެ ޕޯސްޓުގައިވަނީ ނިމާލްގެ ފުރާނައަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުންއެދި ދުޢާ ދަންނަވާފައެވެ.

ނިމާލް ނިޔާވެފައިވަނީ ސްޓްރޯކް ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އުމުރުން 62 އަހަރުގެ ގެ ނިމާލްއަށް ސްޓްރޯކެއް ޖެހިގެން ފަރުވާދޭން ފެށީ މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭގައެވެ. އޭޑީކޭގައި ފަރުވާދިނުމަށްފަހު ޖެނުއަރީ 1 ވަނަ ދުވަހު ނިމާލް ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.

ނިމާލްގެ ފިލްމީ ހަޔާތް ފެށީ 1984 ވަނަ އަހަރު ފިލްމު "ނުފޫޒު" އިންނެވެ. އޭރުން ފެށިގެން ނިމާލަކީ ދިވެހި ފިލްމީ ދާއިރާގައި އެކްޓުކުރުމާއި، ޑައިރެކްޓްކުރުން އަދި ލިޔުންތެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ، ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައިވާ ފަންނާނެކެވެ. ފިލްމީ ދާއިރާއަށް އޭނާ ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ސަރުކާރުން ވަނީ 1991 ވަނަ އަހަރު ނިމާލަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެއްވާފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު