ދިގުރަށު އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގު ކުރުމަށް ރައީސް އަންގަވައިފި
ރާއްޖެ

ދިގުރަށު އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގު ކުރުމަށް ރައީސް އަންގަވައިފި

އއައިނީ
March 17, 2026

އދ. ދިގުރަށުގައި މާރިޗް 13ގައި ހިނގި އަލިފާނުގެ ހިތާމަވެރި ޙާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތެއް ނިޔާވެ، އިތުރު ދެ ރައްޔިތަކަށް އަނިޔާވި މައްސަލަ ފުރިހަމައަށް ތަހުގީގުކުރަން ކަމާބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިގުރަށުގެ އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އެ ހާދިސާގައި ފަސް މީހަކު ނިޔާވިއިރު، ދެ މީހަކު ވަރަށް ބޮޑަށް ފިހިގެން މާލެއަށް ފަރުވާއަށް ވަނީ ގެނެސްފައެވެ.

ރައީސް އެކަން ހާމަކުރައްވާފައިވަނީ އެ ހާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތެއް ނިޔާވުމާއި، އިތުރު ދެ ރައްޔިތަކަށް އަނިޔާވުމާއި ގުޅިގެން، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގް ރަޙްމާނަށް ފޮނުއްވި ތައުޒިޔާގެ މެސެޖެގައެވެ.

ރައީސްގެ އެ މެސެޖްގައި އެ ނުރައްކާތެރި ހާދިސާއާއި ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، މި ދަނޑިވަޅުގައި، ބޮޑުވަޒީރަށާއި، އެ ގައުމުގެ ސަރުކާރަށާއި، ރައްޔިތުންނާއި، ހާއްސަކޮށް، ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ހަމްދަރުދީ ފާޅުކުރައްވާފައި ވެއެވެ.

އަދި، އެމަނިކުފާނާއި، ދިވެހި ރައްޔިތުން ތިބީ، މި ޙާދިސާގައި މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ޢާއިލާތަކާ އެކުގައިކަން ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޙާދިސާގައި، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

ދިވެހި މުޖުތަމަޢުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގުނުކުރެވޭ ދައުރެއްކަމަށާއި، މި ޙާދިސާގެ ސަބަބުން ލިބުނު ބޮޑު ގެއްލުމާއި ހިތާމައިގައި ދިވެހިން ހިއްސާވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، މި ޙާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށާއި، މިފަދަ ޙާދިސާތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު