ފިއްލަދޫގެ މަގުތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
ރާއްޖެ

ފިއްލަދޫގެ މަގުތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އއައިނީ
February 15, 2026

ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައްޔިތުންގެ މަޖިލިހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މި ރަސްމިއްޔާތުގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއާއި ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުޙުﷲ ޙަސަންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން، ފިއްލަދޫގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމާއި ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިއީ އެ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އުންމީދު ކުރަމުން އައި، ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމާ ގުޅިފައިވާ މުހިންމު މަޝްރޫޢެކެވެ.

ފިއްލަދޫގެ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގައެވެ. ޖުމްލަ 730 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމާ ގޮތަށް އެ ކުންފުންޏާ ހަވާލު ކުރި މި މަޝްރޫއަށް 77 މިލިއަން ރުފިޔާ ހަރަދުވާނެ އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެއެވެ.

ރާއްޖޭގެ އެކި ރަށްތަކުގެ މަގުހެދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުންފުނިތަކާ ހަވާލުކުރަމުންނެވެ. އެގޮތުން، ކުޅުދުއްފުށީ ސިޓީގެ މަގުތައް ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތާއި އިތުރު 7 އަތޮޅެއްގެ 11 ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އާރްޑީސީއާހަވާލުކޮށްފައިވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު