މަޖީދިއްޔާ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފަށަނީ
މަޖީދިއްޔާ ސްކޫލުގެ އާ އިމާރާތުގެ ކުރެހުމާއި އިންޖިނިއަރިން މަސައްކަތްތައް ނިމި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިހާރު ވަނީ ތައްޔާރުވެފަ އެވެ. އެގޮތުން ދަރުމަވަންތަ ސްކޫލް ހިންގި އިމާރާތް ހުސްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އިމާރާތް އަޅާ ސަރަހައްދުގައި ހިމެނޭ ޕާކިންގ ޒޯނު މިހާރު ވަނީ ޓިނު ޖަހައި ބަންދުކޮށްފަ އެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ފެޑޯ ޕްރައިވެޓް ލިމިޓެޑާ އެވެ.
މި އާ އިމާރާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރެވޭ "ސްމާޓް ކްލާސްރޫމް"ތައް މި އިމާރާތުގައި ހިމެނުމެވެ. މީގެ އިތުރުން، މަޖީދިއްޔާ ސްކޫލުގެ ތާރީހާ ބިނާ "ދާރުލް އުލޫމް" އަކީ ތައުލީމީ ދާއިރާއާ ގުޅުންހުރި ގައުމީ ދާރުލްއާސާރެއްގެ ގޮތުގައި ތަރައްގީކުރެއްވުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ނިންމަވާފަ އެވެ.
