
ސިއްހީ އެހީއަށް އެދި ހިންގާ ސްކޭމް ޕޯސްޓުތަކަށް ސަމާލުވުމަށް އެދިއްޖެ
ބަލިމީހުންގެ ނަމުގައި މެޑިކަލް ސްކޭމުތައް ހިންގުން އިތުރުވެފައިވާތީ، އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން މިއަދު އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ، މިފަދަ ގިނަ ޕޯސްޓްތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ "ސްކޭމް" ތަކެއްކަން ފާހަގަކުރެވުފައުވާ ކަމަށެވެ.
އެގޮތުން ސްކޭމަރުން އާންމުކޮށް ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި، ރާއްޖޭން ބޭރުގެ ވެބްސައިޓްތަކުންނާއި އިންޓަނެޓުން ބަލިމީހުންގެ ފޮޓޯ ވަގަށް ނަގައިގެން ބޭނުންކުރާ ކަމަށާ އަދި ކުޑަކުދިންނާއި ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދުމަށް މަސައްކަތް ކުރާކަން ފާހަގަކޮށްފައިވެއެވެ.
އެ ސެންޓަރުން ބުނީ ފަހަކަށް އައިސް ފޭސްބުކްގައި ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި ކުރާ ޕޯސްޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ޕޯސްޓްތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތަކެއް ކަމަށް އެ ޕޯސްޓުގައިވެއެވެ.
ސްކޭމަރުންގެ އުކުޅުތައް:
ފޮޓޯ ވަގަށް ނެގުން: އިންޓަނެޓުންނާއި ރާއްޖޭން ބޭރުގެ ވެބްސައިޓްތަކުން ބަލިމީހުންގެ ފޮޓޯ ނަގައިގެން ބޭނުންކުރުން.
އިހުސާސްތަކާ ކުޅެލުން: ކުޑަކުދިންނާއި ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދުން.
ފޯނު ކޯލް ބްލޮކްކުރުން: ޕޯސްޓްގައިވާ ނަންބަރަށް ގުޅުމުން ފޯނު ނުނެގުން ނަމަވެސް މެސެޖަށް ޖަވާބުދިނުން.
އެ ސްކޭމްތަކުން ރައްކާތެރިވުމަށް ފައިސާ ފޮނުވުމުގެ ކުރިން އެ ނަންބަރަށް ގުޅައި ވާހަކަ ދެއްކުމަށް ސްކޭމް ސެންޓަރުން ބުނެއެވެ. އަދި ފޮޓޯއަކީ ސައްހަ ފޮޓޯއެއްތޯ ބެލުމަށާއި ގޫގުލް ރިވާސް އިމޭޖް ސާޖްކޮށްލުމަށް ވެސް އެދިފައިވެއެވެ. ޔަގީންނުވާ ޕޯސްޓްތައް ޝެއާ ކުރުމަކީ އިތުރު ބަޔަކު މީގެ މަޅީގައި ޖެހުމަށް ދެވޭ ދައުވަތެއް ކަމަށާއި އެހެންކަމުން އެފަދަ ޕޯސްޓްތައް ޝެއާ ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
އާއްމުކޮށް މިފަދަ ސްކޭމް ޕޯސްޓްތަކުގައި ހުންނަނީ މީހުންނަށް ކޮމެންޓްވެސް ނުކުރެވޭގޮތަށް ކޮމެންޓްސް އޮފް ކޮށްފައިކަން ފާހަގަކޮށްލަންޖެހެއެވެ.
އާންމުންގެ ދީލަތި އެހީ، ކުށްވެރިންގެ އަތަށް ދިޔަ ނުދިނުމަށްޓަކައި މިއަށްވުރެ ބޮޑަށް ސަމާލުވެ، ހޭލުންތެރިވުމަށް ފުލުހުން އެދެއެވެ.

