ކައުންސިލު އިންތިހާބަށް ޕީއެންސީއިން ވާދަ ކުރަނީ ރައްޔިތުންގެ ބާރު އަތުލާފައި މުއިއްޒަށް ދިނުމަށް: ވަހީދު
ކައުންސިލު އިންތިހާބަށް ޕީއެންސީއިން ވާދަ ކުރަނީ ރައްޔިތުންގެ ބާރު އަތުލާފައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދިނުމަށް ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބުދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބުދުﷲ ވަހީދު ވިދާޅުވީ ޕީއެންސީއިން ވެރިކަމަށް އައީ ކަންކަން ވާނެ ކަމަށްބުނެ ކަމަށާއި ދެން މަޖިލިސް ނެތި ނުވާނޭ ކަމަށް ބުނުމަށްފަހު މަޖިލިސް މެޖޯރިޓީ ލިބުމުންވެސް މިސަރުކާރަށް ކުރެވުނު ކަމެއް ނެތް ކަމަށެވެ.
އަދި ބޮޑެތި ބަޖެޓުތައް ފާސްކޮށްގެން ރައްޔިތަކަށް ކޮށްދިން ކަމެއް ނެތް ކަމަށާއި ދެން މިއަދު އަނެއްކާވެސް ފެންނަނީ ކައުންސިލުތައް ވެސް ދޭން ގޮވާލާތަން ކަމަށް އަބްދުﷲ ވަހީދު ވިދާޅުވި އެވެ. ސަރުކާރަށް ކަންކަން ކުރެވޭނީ މަޖިލިސް ދީގެން ކަމަށް ބުނުމުން ސުޕަމެޖޯރިޓީ ރައްޔިތުން މިސަރުކާރަށް ދިން ކަމަށާއި، އެ ސުޕަމެޖޯރިޓީއާއެކު މިފެންނަނީ މަޖިލީހަށް ރައްޔިތުންގެ ހައްގުގައި ވަކާލާތު ނުކުރެވޭތަން ކަމަށް ވަހީދު ވިދާޅުވި އެވެ.
މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭއިރު ޕީއެންސީއަށް މަޖިލިސް ދީގެން ވީ މޮޅެއް ނެތް ކަމަށްވެސް ވަހީދު ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، އަދި ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވާ ވަހީދު ވިދާޅުވީ، އެ ވާހަކަތައް ކުށްވެރި ކުރާ ކަމަށާއި، އަދި އެދިވަޑައިގެންނެވީ ސަރުކާރުން ރައްޔިތުންނަށް މިހާރު ނުދޭ ގެއްލުމެއް މެޑަމް ސާޖިދާ ވިދާޅުވެ ދެއްވުމަށެވެ.
މިއީ އަނިޔާވެރި ރައްޔިތުންނަށް ބިރު ދައްކާ ސަރުކާރެއް ކަމަށް ވިދާޅުވަމުން، ވަހީދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ސަލާމަތްވެވެން އޮތީ ރައްޔިތުންގެ ބާރު ރައްޔިތުންނަށް ދޫކޮށްލައިގެން ކަމަށެވެ.
