ގުޅީފަޅުން 160 އަށް ވުރެ ގިނަ ގޯތި ހަވާލުކޮށްފި
ރާއްޖެ

ގުޅީފަޅުން 160 އަށް ވުރެ ގިނަ ގޯތި ހަވާލުކޮށްފި

އއައިނީ
April 19, 2026

ބިންވެރިޔާ ސްކީމްގެދަށުން ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 160 އަށްވުރެ ގިނަ ބިން ހަވާލުކޮށްފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

ގުޅިފަޅުން އަލުން ބިން ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ، އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުގެ ދަށުންނެވެ. ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ، އެތަނުގައި ދިރިއުޅޭނެ އާބާދީއަށް އެކަށީގެންވާ ޚިދުމަތްތައް ޤާއިމުކުރުމަށް ބޮޑެތި ބަދަލުތައް ގެނައުމަށެވެ. އެގޮތުން ކުރިން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވާ ބައެއް މީހުންގެ ގޯތި ގުޅިފަޅަށް ބަދަލުކޮށްފައިވެ އެވެ. އެއާއެކު ކުރިން ދޫކުރި ރަޖިސްޓްރީތައް އުވައިލުމަށްފަހު، ގޯތި ދޫކުރާނެ ސަރަހައްދުތައް އަލުން ކަނޑައަޅައި ޖުލައި މަހު ގޯތި ދޫކުރަން ފަށާފައިވެ އެވެ.

ގުޅީފަޅުން ދޫކުރަން ނިންމާފައިވަނީ 2،438 ގޯއްޗެވެ. އެތަނުން ބިން ލިބުނު މީހުންނަށް ގޯތި ލިބޭ ސަރަޙައްދާއި ޕްލޮޓް ކަނޑައެޅުމަށް، އައު ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ވަނީ ގުރުއަތު ނަގާފަ އެވެ. އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.

ގުޅިފަޅުން 7 ސައިޒެއްގެ ބިން ދޫކުރުމަށްވަނީ ހަމަޖެހިފަ އެވެ. މީގެތެރޭގައި 1250 އަކަފޫޓާއި 3650 އަކަފޫޓާއި ދެމެދުގެ ސައިޒުގެ ގޯތި ހިމެނެއެވެ.

ގުޅިފަޅުން ދޫކުރާ ގޯތީގެ ތަފްސީލް: 

1250 އަކަފޫޓުގެ 669 ގޯތި

1650 އަކަފޫޓުގެ 1234 ގޯތި

2050 އަކަފޫޓުގެ 916 ގޯތި

2450 އަކަފޫޓުގެ 473

2850 އަކަފޫޓުގެ 158 ގޯތި

3250 އަކަފޫޓުގެ 49 ގޯތި

3650 އަކަފޫޓުގެ 21 ގޯތި

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންއަށް ތިން ފަހަރެއްގެ މަތިން ބަދަލުގެނެވިފައިވެ އެވެ. މި ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންއަށް ބޮޑު ސަރަޙައްދެއް ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން އެތާގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ތަރައްޤީކުރުމަށްވެސް ބިން ކަނޑައަޅާފައިވެ އެވެ. އެގޮތުން ތަޢުލީމީ ހިދުމަތާއި، ސިއްހީ ހިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްތަކަށްވެސް ޚާއްސަ ސަރަހައްދުތައް ކަނޑައަޅާފައިވެ އެވެ. 

ސަރުކާރުން އަންނަނީ، ގުޅީ ފަޅުން ބިން ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާޙައުލެއް ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރު ކުޅޭ ސަރަހައްދުތައް ތަރައްޤީކުރުމަށް ޕްލޭންގައި ކަނޑައަޅާފައިވެއެވެ. އަދި މަގުތަކާއި، ޔުޓިލިޓީ ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ހިމެނެ އެެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު