މި އަހަރުގެ ފިޠުރު ޒަކާތް 7 އޮންލައިން ޕްލެޓްފޯމަކުން ބަލައިގަންނަން ފަށައިފި
ރާއްޖެ

މި އަހަރުގެ ފިޠުރު ޒަކާތް 7 އޮންލައިން ޕްލެޓްފޯމަކުން ބަލައިގަންނަން ފަށައިފި

އއައިނީ
February 18, 2026

މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން 7 އޮންލައިން ޕްލެޓްފޯމަކުން މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.
ޒަކާތު ހައުސް އިން ބުނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނަމުން ދާނެއެވެ.

މި ފަހަރު އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނެ 7 ޕްލެޓްފޯމަކީ:

  • ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް

  • އުރީދޫ، އެމް ފައިސާ މޯބައިލް އެޕް

  • މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް

  • ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް

  • ފަހިޕޭ މޯބައިލް އެޕް

  • އަވަސް މޯބައިލް އެޕް

  • ބަނޑޭރި ޕޭ ވެބްސައިޓް

މީގެ ތެރެއިން ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސް އިން ބުނެއެވެ.

މީގެ އިތުރަށް، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްޞަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޤާއިމުކުރާ ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށް ޒަކާތު ހައުސް އިން ބުނެއެވެ.

ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ވަގުތުތަކަކީ ފެބުރުވަރީން 22 އިން މާރިޗް 9 އަކަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް، އަދި 10 މާރިޗުން 19 މާރިޗުގެ، ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް ހިދުމަތް ލިބޭނެ ކަމަށް ޒަކާތު ހައުސް އިން ބުނެއެވެ.

ޒަކާތު ހައުސް އިން ބުނީ އަތޮޅުތެރޭގެ ރަށްރަށުގައި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިޠުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ލޯކަލް ކައުންސިލު އިދާރާއަށް ގޮސްގެން ކަމަށެވެ. ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލްތަކުންނާއި ޒަކާތު ހައުސްއިން ބޭނުންކުރާނީ އެ ކަމަށް ޓަކައި ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ފިޠުރު ޕޯޓަލެވެ.

ފިޠުރު ޕޯޓަލް މެދުވެރިކޮށް، އާންމު ފަރުދުން ކައުންސިލް އިދާރާތަކަށް ނުވަތަ އިސްލާމީ މަރުކަޒަށް ވަޑައިގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުޢާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑުކުރާނެ ކަމަށް ޒަކާތު ހައުސް އިން ބުނެއެވެ. އަދި ފައިސާ ދައްކާ ނިމުމުން، ފިޠުރު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސް.އެމް.އެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެއެވެ. މީގެ އިތުރުން، ޞަދަޤާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާ ނަމަ، އެ އަދަދު ވެސް އެ މެސެޖުގައި ހިމެނޭނެކަމަށް ޒަކާތު ހައުސް އިން ވަނީ ބުނެފައެވެ.

މި ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ޢަދަދުތައް:

  • އާދައިގެ ހަނޑޫ: 12 ރުފިޔާ

  • ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ

  • ރަތް ހަނޑޫ: 96 ރުފިޔާ

  • ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ

  • ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ

  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ

  • އާދައިގެ ފުށް: 10 ރުފިޔާ

  • އާޓާ ފުށް: 75 ރުފިޔާ

ޒަކާތު ހައުސް އިން ބުނީ މި ޕޯޓަލުގެ ސަބަބުން، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތް ރެކޯޑުކުރުމަށް، މުޅި ރާއްޖޭގައި އެއް މިންގަނޑަކުން ހިނގާ ނިޒާމެއް ވަނީ ޤާއިމުކުރެވިފަވާ ކަމަށެވެ. އަދި މިއާއެކު މޯލްޑިވްސް ޒަކާތު ހައުސްއަށް ވަގުތުން (ރިއަލް-ޓައިމް) ފިޠުރު ޒަކާތް ބަލައިގަތުމުގެ މުޢާމަލާތްތައް މޮނިޓަރކުރެވޭނެ ކަމަށެވެ.

ރަމަޟާން މަހުގެ ކޮންމެ ހަފުތާއަކު، ޑިޖިޓަލް ޕްލެޓްފޯމުތަކާއި ނަގުދު ފައިސާގެ މުޢާމަލާތްތަކާއި ގޮވާމުން ލިބޭ ފިޠުރު ޒަކާތުގެ ތަފާސްހިސާބުތައް މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކުރަމުން ދާނެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު