
ނައިފަރުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް
ޅ. ނައިފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން ވެލިގަނޑު އެއްވަރުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކަމަށެވެ.
ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި44.8 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1813 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 474 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ގްރޮއިން ޖެހުމާއި، 803 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ މަސައްކަތަކީ 679.03 މިލިއަން ރުފިޔާއަށް 630 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީ އާއި ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.

