
ހުޅުމާލެ ފޭސް 2 ގައި އަލަށް އާބާދުވި އަމަން ދޯދި އަދި އުދަރެސް ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވަމުންދާ މޮބައިލް ނެޓްވޯކްގެ ދަތިކަން
ހުޅުމާލެ ފޭސް 2 ގައި އަލަށް އާބާދުވި އަމަން ދޯދި އަދި އުދަރެސް ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވަމުންދާ މޮބައިލް ނެޓްވޯކްގެ ދަތިކަމާއި، ސިގްނަލް ކެނޑުމުގެ މައްސަލަތަކާ ގުޅިގެން، ރާއްޖޭގެ މުވާސަލާތީ ދެ ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސް އާއި ދިރާގުގެ ހިދުމަތްތަކާމެދު އާންމުންގެ ބޮޑެތި ޝަކުވާތަކެއް އަމާޒުވެއްޖެ އެވެ.
މިދިޔަ ދެމަސް ނުވަތަ މަހެއްހާ ދުވަސް ކުރިން ހަވާލުކުރި މި ފުލެޓުތަކުގައިި ދިރިއުޅޭ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ގޭތެރޭގައި ހުންނައިރު ސިގްނަލް ވަރަށް ބޮޑަށް ދަށްވުމާއި، އިންޓަނެޓްގެ ސްޕީޑް ލަސްވުމުގެ އިތުރުން، ފޯނު ކޯލްތައް މެދުކެނޑުމަކީ ކޮންމެ ދުވަހަކު އާންމުކޮށް ދިމާވާ މައްސަލައެކެވެ. ރައްޔިތުން ބުނާ ގޮތުގައި ބާރުބޮޑުވާ ވަގުތުތަކުގައި ނޫނަސް ނެޓްވޯކްގެ މައްސަލަ ދިމާވާއިރު، މިއީ ހަމައެކަނި ވަކި އިމާރާތަކަށް ދިމާވާ ކަމެއް ނޫނެވެ.
ފޭސް 2 ގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުންދާއިރު، އެއާ އެއްވަރަށް މުވާސަލާތީ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރެވިފައި ނުވާކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ. އެތައް ހާސް ބަޔަކު އެ ސަރަހައްދުގައި ދިރިއުޅެން ފެށިއިރު، އެކަށީގެންވާ ވަރަށް ނެޓްވޯކް ޕްލޭން ކުރެވި، ކެޕޭސިޓީ އިތުރުކުރެވިފައިވޭތޯ މިހާރު ދަނީ ސުވާލު އުފެދެމުންނެވެ.
ކަސްޓަމަރުން ބުނާ ގޮތުގައި ގޭތެރޭގައި ތިބޭއިރު ސިގްނަލް ހުންނަނީ އެންމެ ރަންގެއް ނުވަތަ ދެ ރަންގަށެވެ. އަދި ބޭރުގައި އުޅޭއިރުވެސް ސިގްނަލް އެއްވަރަކަށް ނުލިބޭ ކަމަށް ފާހަގަކުރެ އެވެ. މި މައްސަލަ ދެ ކުންފުނީގެ ކަސްޓަމަރުންނަށްވެސް ކުރިމަތިވި ނަމަވެސް، އުރީދޫގެ ހިދުމަތް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ބުނެ ބައެއް ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

