
ރޯވެ އަޑިއަށްދިޔަ މަސްދޯނީގެ ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ
15 މީހުންނާއެކު ކ. ދޫނިދޫ ކައިރިން ދަތުރުކުރަމުންދަނިކޮށް އަލިފާން ރޯވެގެން އަޑިއަށްދިޔަ މަސްދޯނީގެ ބައެއް ބައިތައް އޮޔާދާތީވެ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.
މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 14:54 ހާއިރުކަމަށެވެ. "ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ ކަންކެލި މަސްވެރިކަން ކުރާ ދޯންޏެއްގައި އަލިފާން ރޯވެގެން އަޑިއަށްދިޔުމުން މި ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި ކ. ދޫނިދޫގެ ހުޅަނގު އުތުރުން 0.38 ނޯޓިކަލް މޭލުން އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެންޑީއެފް އިން ބުނީ މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހާދިސާގައި ދޯނި އަޑިއަށްދިޔަ ސަރަޙައްދުން ފެށިގެން ދެކުނަށް ކަމަށެވެ. އަދި ޚާސަކޮށް މި ސަރަހައްދުން ރޭގަނޑު ދަތުރުކުރާ ނަމަ މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.
މި ހާދިސާގައި ދޯނީގައި ދަތުރުކުރި 15 މީހުންގެ ތެރެއިން 5 މީހަކަށް ފަރުވާ ދިނުމަށް ވަނީ މާލެ ގެނެސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ.

