މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިއެކޭ އެއްގޮތަށް ހެޔޮކޮށްފި
ރާއްޖެ

މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިއެކޭ އެއްގޮތަށް ހެޔޮކޮށްފި

އއައިނީ
March 17, 2026

މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިއެކޭ އެއްގޮތަށް ދެމެހެއްޓުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ނިންމައިފިއެވެ.

މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ ގުޅިގެން، އެސްޓީއޯއިން ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގަށް އިއްޔެ ވަނީ ބަދަލު ގެނެސްފައެވެ.އެހެންވެ، މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލުގެ އަގުވެސް 27.24 ރުފިޔާ އަށް ބޮޑުކޮށް އެކަން އިއްޔެ އިއުލާނުކުރިއެވެ.

ނަމަވެސް އެސްޓީއޯގެ ނިންމުން މުރާޖަޢާކޮށް، ސަރުކާރުން މަސްވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ “ފަހި ހަކަތަ” ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭވެސް އެއްގޮތަށް ހަމަޖައްސާފައިވާތީ، މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިން އޮތްގޮތަށް ދެމެހެއްޓުމަށް ވަނީ ނިންމާފައެވެ.

މި ބަދަލާއެކު، ތެޔޮ ވިއްކުމަށް މިފްކޯ އިން މި މަހުގެ 5 ވަނަ ދުވަހު މިފްކޯއިން އިއުލާނު ކުރި އަގުތައް ދެމިއޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް މިހާރު 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، 16.04 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެއެވެ. މީގެ އިތުރުން ކުރިއެކޭވެސް އެއްގޮތަށް، ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކަމުންދާނީ ލީޓަރެއް 17.54 ރުފިޔާގެ މަގުން ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ގެނެވުނު މި ބަދަލަކީ މިދަނޑިވަޅުގައި މަސްވެރިންނަށް ވީހާވެސް ތަކުލީފު ކުޑަ ގޮތަކަށް ކަންކަން ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު ފިޔަވަޅެކެވެ.

ތެލުގެ އަގަށް އައި ބަދަލާއެކު ފެރީ ލޯންޗުތަކުގެ ޓިކެޓު އަގުބޮޑުވިޔަ ނުދިނުމަށްޓަކައި، އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް އެސްޓީއޯއިން ކުރިންވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމަށް އެ ކުންފުނިން އިއްޔެ ވަނީ ނިންމާފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު