
މޯލްޑިވިއަންގެ ދަތުރުތައް އަލުން ބަންގްލަދޭޝް އަށް ފަށައިފި
ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަނުން މާލެއާއި ބަންގްލަދޭޝްގެ ޑާކާއާ ދެމެދު ކުރަމުން އައި ސީދާ ދަތުރުތައް އަލުން ފަށައިފިއެވެ.
މެދުކެނޑުމަކަށްފަހު މޯލްޑިވިއަންގެ ދަތުރުތައް އަލުން ޑާކާއަށް ފެށިއިރު މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހާއި އާދިއްތަ ދުވަހު އެވެ.
މޯލްޑިވިއަނުން މައުލޫމާތު ދޭ ގޮތުގައި، ދަތުރުތަކުގެ ވަގުތުތައް ރޭވިފައިވަނީ ފަތިހުގެ ވަގުތެއްގައި ޑާކާއަށް ފޯރާ ގޮތަށެވެ. މީގެ ސަބަބުން ޑާކާ މަގުން އެހެން މަންޒިލްތަކަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ކަނެކްޓިން ފްލައިޓްތައް ލިބިގެންދާނެއެވެ.
މި ދަތުރުތަކުގެ ދެކޮޅު ޓިކެޓް ފެއާ ރޭޓް ފެށެނީ 399 ޑޮލަރުންނެވެ. މީގެ އިތުރުން، ކޮންމެ ފަސިންޖަރަކަށް 30 ކިލޯގެ ޗެކްޑް ބެގޭޖް އެލަވަންސް ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މީގެ އިތުރުން، މި ދަތުރުތައް ފެށި ދުވަސްވަރަކީ ރަމަޟާން މަސް ނިމި އީދު ބަންދާ ދިމާވާ ދުވަސްވަރަކަށް ވުމުން، މިއީ އީދު ބަންދަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށާއި، އަމިއްލަ ގައުމަށް އެނބުރިދާ ބަންގްލަދޭޝް މީހުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް މޯލްޑިވިއަން އިން ފާހަގަކުރެއެވެ.
ބަންގްލަދޭޝަށް ދަތުރުތައް އަލުން ފަށާފައި މިވަނީ، އެ ގައުމުގެ ސިޔާސީ މަޝްރަހު ހަލަބޮލިވުމާ ގުޅިގެން 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ދަތުރުތައް މެދުކަނޑާލުމަށްފަހުއެވެ. މޯލްޑިވިއަނުން ބުނީ، މި ދަތުރުތައް އަލުން ފަށަން ނިންމީ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް ބަލައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައެވެ.



