
ބިދޭސީންގެ އަތްދަށަށް ދިވެހި ވިޔަފާރި: ޤައުމީ ސަލާމަތާއި އިޤްތިޞާދީ މިނިވަންކަމަށް ބިރު
މާލޭގެ ވިޔަފާރި މާހައުލު ބިދޭސީންގެ ބާރުގެ ދަށަށް ގޮސްފައިވާ މައްސަލައަކީ ދިގު މުއްދަތެއްގައި ދިވެހިންގެ ކަންބޮޑުވުން އުފައްދާފައިވާ މައްސަލައެކެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި ފިހާރަތަކާއި ކޮށިތައް ބިދޭސީ ވިޔަފާރިތަކުން ހިފަމުންދާތީ، ޤައުމީ ސަލާމަތާއި އިޤްތިޞާދީ މިނިވަންކަމަށް ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު މިވަނީ ބޮޑުވެފައެވެ. ދިވެހި ވިޔަފާރިވެރިންނަށް ވާދަކުރުމުގެ ފުރުސަތު ކުޑަވެ، އިޤްތިޞާދުގެ މުހިންމު ދާއިރާތައް ބިދޭސީންގެ އަތްދަށަށް ދިއުމަކީ މިހާރު ފެންނަމުންދާ ހިތާމަވެރި މަންޒަރެކެވެ.
މިހާރު މާލޭގެ ގިނަ ކޮށިތަކާއި ކަންމަތީ ފިހާރަތަކަކީ ބިދޭސީން ހިންގާ ވިޔަފާރިތަކެވެ. އެއް ފިހާރައެއް ހުޅުވައި، އެއާއި ޖެހިގެން އަނެއް ފިހާރަ ހުޅުވައި، މި ގޮތަށް މުޅި ކޮށިތައް އެ ދަނީ ބިދޭސީންގެ ބާރުގެ ދަށަށް ގެންދަމުންނެވެ. ރާއްޖޭގެ ރިސޯޓްތަކަށް ސަޕްލައިކުރާ ހުރިހާ މުދަލެއްވެސް މިހާރު ކޮންޓްރޯލް ކުރަނީ ބިދޭސީންނެވެ. މީގެ އިތުރުން، އެސް.ޓީ.އޯ (ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން) ފަދަ ޤައުމީ ބޮޑު ފިހާރަތަކަށް ބޭރުން ގެންނަ ފިޔާ، އަލުވި، އަދި ބިސް ފަދަ މުހިންމު ކާނާގެ ބާވަތްތައް ސަޕްލައި ކުރުމުގައިވެސް މުގުލުގައި ތިބެނީ ބިދޭސީ ވިޔަފާރިވެރިންނެވެ. މިކަމުގެ ސަބަބުން އެތައް ސަތޭކަ މިލިއަން ޑޮލަރު ދިވެހި އިޤްތިޞާދުން ބޭރުވެ، އިންޑިއާ ފަދަ ބޭރު ޤައުމުތަކުގެ އިޤްތިޞާދަށް ވަންނަމުންދާ ކަމުގެ ކަންބޮޑުވުން ވަރަށް ބޮޑެވެ.
މިފަދަ ހާލަތެއް މީގެ ކުރިންވެސް ރާއްޖެއަށް ކުރިމަތިވެފައިވެއެވެ. ވޭތުވެދިޔަ އެވޭލާ ޒަމާނުގައި އިންޑިއާގެ ވޯރާ ވިޔަފާރިވެރިންގެ ނުފޫޒު ރާއްޖޭގެ މާކެޓަށް ބޮޑުވެ، ދިވެހިންނަށް ވިޔަފާރިކުރުމުގެ ފުރުސަތު ކުޑަވެގެން ދިޔައެވެ. އެދުވަސްވަރު މާލޭގެ ރައްޔިތުން ނުކުމެ، އެމީހުންގެ ވިޔަފާރިތަކަށް ހުޅުޖަހައި، ވޯރާ ވިޔަފާރިވެރިން ރާއްޖެ ދޫކޮށްދިޔައީއެވެ. އެ ހާދިސާއަށްފަހު، ދިވެހިންގެ އަތްމައްޗަށް ވިޔަފާރި އައިސް، ދިވެހިންނަށް އަމިއްލަ ފައިމައްޗަށް ތެދުވެ، އިޤްތިޞާދީ ގޮތުން ކުރިއަރަން ފުރުސަތު ލިބުނެވެ. ނަމަވެސް، އޭގެ އެތައް އަހަރެއް ފަހުން، ސަރުކާރުތަކުގެ ދޯދިޔާކަމުގެ ސަބަބުން، މަޑުމަޑުން ބިދޭސީންނަށް މަގު ފަހިކޮށްދެމުން ގޮސް، މިހާރު އަނެއްކާވެސް ރާއްޖޭގެ މާކެޓުގެ ކޮންޓްރޯލް ބިދޭސީން ވަނީ ނަގާފައެވެ. މުޅި ރާއްޖޭގެ ތަރުކާރީއާއި މޭވާ އަދި ހަވާދުގެ ބާވަތްތަކަށް ދާންދެން ބިދޭސީން ވަނީ ކޮންޓްރޯލް ނަގާފައެވެ.
ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިމާޔަތްކުރުމަށްޓަކައި، ޤާނޫނީ ގޮތުން ބިދޭސީންނަށް ނުކުރެވޭނެ ވިޔަފާރިތައް (ރިޒާވްޑް ދާއިރާތައް) ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ކުދި ބޯޓުފަހަރު ދުއްވުމާއި އެތެރޭގެ ދަތުރުފަތުރު، ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި (ވަކި އަދަދަކަށްވުރެ ބޮޑު އިންވެސްޓްމަންޓްތައް ފިޔަވައި)، ފޮޓޯގްރަފީ، ކޭޓަރިން، އަދި ހޭންޑީކްރާފްޓް ފަދަ މަސައްކަތްތައް، އަދި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާތައް ހިމެނެއެވެ. ނަމަވެސް، މި ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމުގައި ފެއިލްވެފައިވާކަން ފާހަގަކުރެވެއެވެ. ކުރީގެ އިކޮނޮމިކް މިނިސްޓަރެއްގެ ގައްޔާޒްވެސް އަދި މި ވެރިކަމާއި މައުމޫނުން ފެށިގެން ބިދޭސީންނަށް ވިޔަފާރި ނުކުރެވޭނެ ކަމަށް ބުނެ ހޮޓާކެފޭތަކާއި ފިހާރަތަކަށް ގޮސް ބަލައި ފޮޓޯނަގައި ހެދީ ނަމެއްގައި ކަމަށާއި، ނޫސްތަކުގެ ސުރުހީއިން ޖާގަ ހޯދުމަށް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
ބިދޭސީ ވިޔަފާރިވެރިން އާމްދަނީ އޮޅުވައިލައި، ޤައުމަށް ލިބެންޖެހޭ ޓެކްސްގެ ބޮޑު ބައެއް ގެއްލުވާލާ ކަމުގެ ތުހުމަތު ވަރަށް ބޮޑެވެ. ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ދިވެހި ކުންފުނިތަކުގެ ނަމުގައި ބިދޭސީން ވިޔަފާރިކުރަމުން ދާއިރު، އެމީހުންގެ ވިޔަފާރީގެ މައިގަނޑު މުއާމަލާތްތައް ހިންގަނީ ސީދާ ބޭރުގެ ކުންފުނިތަކާއި ކަމަށް ވެއެވެ. މި ގޮތުން، ރިސޯޓްތަކަށް ސަޕްލައިކުރާ މުދަލުގެ ފައިސާ ފޮނުވަނީ ސީދާ ޑުބާއީ ނުވަތަ އެހެންވެސް ބޭރު ޤައުމުތަކަށް ކަމަށް މައުލޫމާތު ލިބެއެވެ. މީރާ (މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ) އިން ބަލާއިރު ވިޔަފާރިތައް ގަވާއިދުގެ ތެރެއިން ހިނގާ ކަމަށް ފެނިދާނެއެވެ. އެމީހުން ޓެކްސް ދައްކާ ކަމަށް ވެއެވެ. ނަމަވެސް އަސްލު ހަގީގަތަކީ މީރާ އަށް ވަންނަނީ އެތަނުގެ ކުއްޔާއި ކުދިކުދި ބިލްތަކެއްގެ ފައިސާއެވެ. ވިޔަފާރިތަކުން ލިބެންޖެހޭ އަސްލު ޓެކްސްގެ ފަސް އިންސައްތަވެސް މީރާ އަކަށް ނުވަދެއެވެ. ގާތްގަނޑަކަށް 95 އިންސައްތަ ޓެކްސް ފައިސާ ގެއްލިގެން ދަނީއެވެ. މިއީ ޤައުމީ އިޤްތިޞާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ.
މާލޭގެ މުހިންމު ވިޔަފާރި މަގުތައް މުޅިން ހިފާފައިވާއިރު، ހޮޓަލާއި ފިހާރަތަކުގެ އިތުރުން މުދާ އެކްސްޕޯޓް ކުރުމާއި ޓްރެވަލް އެޖެންސީތައް ހިންގުމުގެ މަސައްކަތްވެސް ބިދޭސީން ކުރަމުން ދެއެވެ. ޤާނޫނަށް ފެތޭ ކަމަށް ބުނެ މިކަންކަން ދޫކޮށްލުމަކީ ދިވެހި ވިޔަފާރިވެރިން ބަލިކަށިކޮށް، އެތައް ކުދި ވިޔަފާރިތަކެއް ހުއްޓާލަން މަޖުބޫރުވާ ކަމެކެވެ. މައުމޫނު ޢަބްދުލް ޤައްޔޫމުގެ ވެރިކަމުން ފެށިގެން މި ދިޔައީ މިކަމަށް ދޫދެމުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ރާއްޖޭގެ ވިޔަފާރި މާކެޓު ބިދޭސީންގެ އަތްދަށަށް ދިއުމަކީ ޤައުމީ ސަލާމަތާއި އިޤްތިޞާދީ މިނިވަންކަމަށް ވަރަށް ބޮޑު ނުރައްކަލެކެވެ. މިކަމުގެ ސަބަބުން ދިވެހިންނަށް ވިޔަފާރިކުރުމުގެ ފުރުސަތު ކުޑަވެ، ޤައުމީ އުފެއްދުންތެރިކަމާއި އާމްދަނީ ދަށަށް ގޮސް، ބޮޑެތި ޓެކްސް އާމްދަނީއެއް ގެއްލިގެން ދެއެވެ. ދިވެހި ވިޔަފާރިވެރިން ހިމާޔަތްކުރުމަށްޓަކައި ޤާނޫނުތައް ތަންފީޒުކޮށް، ބިދޭސީންގެ ނުފޫޒު ކުޑަކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމެވެ. މިކަމަށް ހައްލެއް ނުލިބިއްޖެނަމަ، ދިވެހި އިޤްތިޞާދުގެ މުސްތަޤްބަލު ވަރަށް ބޮޑަށް ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާނެއެވެ.



