ރާއްޖެއަށް އަންނަ ހަފްތާގައި ތެޔޮ ލިބޭނެ، އަގަށް ބަދަލުއައުމަކީ އެކަށީގެވާ ކަމެއް: ޝިމާދު
ރާއްޖެ

ރާއްޖެއަށް އަންނަ ހަފްތާގައި ތެޔޮ ލިބޭނެ، އަގަށް ބަދަލުއައުމަކީ އެކަށީގެވާ ކަމެއް: ޝިމާދު

އއައިނީ
March 15, 2026

އަންނަ ހަފްތާގަ ރާއްޖެއަށް ތެޔޮ ލިބޭނެ ކަމަށާއި، ނަމަވެސް އަގަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ޝިމާދު އިބްރާހިމް  ވިދާޅުވެއްޖެއެވެ.

ޝިމާދު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާއި، ގުޅިގެން ތެޔޮ ލިބުމުގަ ދަތިކަމެއް ދިމާވެދާނެ ކަމަށް ހީވެފައޮތަސް އެކަން އެގޮތަށް ނުވާނެ ކަމަށާއި، ނަމަވެސް ލިބޭ އާ ޝިޕްމެންޓާއި އެކު ތެލުގެ އަގަށް ބަދަލުތަކެއް އައުމަކީ އެކަޝީގެންވާ ކަމެއް ކަމަށެވެ.

 ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ކަމުގައިވިއަސް ތެލުގެ އިތުރު ޝިޕްމެންޓް އަންނަ ހަފްތާތެރޭގައި ރާއްޖެ އަށް ލިބޭނެ ކަމަށް ވިދާޅުވަމުން ޝިމާދު އިތުރަށް ފާހަގަ ކުރެއްވީ މިވަގުތަށް ހުރި ސްޓޮކުން ދަތިކަމެއް ނެތި މެނޭޖްކުރެވޭނެ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުވަނީ މިހާރު އުފުލިފައެވެ. އެގޮތުން ރާއްޖެއިން ލިބޭ ގޭސް ވެސް މޯލްޑިވްސް ގޭސް ވެސް ވަނީ މިހާރު ލިމިޓް ކޮށްފައެވެ. ތެލުގެ އިތުރުން ގޭހުގެ އިތުރު ޝިޕްމެންޓެއްވެސް އަންނަ ހަފުތާގައި ލިބޭނެ ކަމަށް އެސްޓީއޯއިން މީގެ ކުރިން ބުނެފައެވެ.

އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރުގަދަވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާ މި ދަނޑިވަޅުގައި، ހޯރްމޫޒް ކަނޑުއޮޅިން "އެންމެ ލީޓަރު ތެޔޮ" ވެސް ބޭރުވިޔަ ނުދޭނެ ކަމަށް އިރާނުން ބުނެފައިވާއިރު، ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް އުފުލިދާނެ ކަމުގެ އިންޒާރު މަސްރަހްދިރާސާ ކުރާ ފަރާތަކުން ދަނީ ދެމުންނެވެ.

ރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާން މެދުވެރިކޮށް ކަމަށްވުމާއެކު، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީން ބުނީ ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މައްޗަށް ކަމަށްވުމާއެކު، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރަށާއި، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ކޮށްފާނެ އަސަރުތައް މިނިސްޓްރީން ވެސް ދަނީ ވަރަށް ބޮޑަށް ދިރާސާކުރަމުން ވެސް ކަމަށެވެ. އަދި އެ ދިރާސާތަކުގެ އަލީގައި، ރާއްޖޭގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން ދެމެހެއްޓުމަށާއި، އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ހާލަތާ އެކަށީގެންވާ ގޮތެއްގައި ގެނައުމަށް ވަނީ ރޭވިފަވެސް ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ރިޒާވް މިވަގުތު ހިފެހެއްޓިފައިހުރީ މީގެ ކުރީން ރިޒާވް މަތިނުވާ މިންވަރެއްގައި ކަމުން، ބޭރު ދުނިޔެއިން ކުރިމަތިވާ އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި، އިގްތިސާދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ސަރުކާރަށް ލިބިގެންދާ ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.  

ޚިޔާލުފާޅުކުރުން

ކޮމެންޓު