
ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރު ފެށިއްޖެ
އާންމު ގޮތެއްގައި ހުންނަވަރަށްވުރެ ފިނިހޫނުމިން މަތިވުމުގެ ފުރުސަތު އަންނަ މަހު އެބައޮތްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރު ފެށިފައިވާކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިމަހާއި އަންނަ މަހަކީ ކޮންމެ އަހަރެއްގައިވެސް ރާއްޖޭގެ ސަރަޙައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރުކަމަށެވެ. މިދުވަސްވަރު ވިލާ މަދުވެފައި ވައި މަޑުވެ އަދި ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާކަމަށް އެ އިދާރާއިން ބުނެއެވެ.
އަދި ދުވާލުގެ ހޫނުމިން މަތިވާވަރާއި ރޭގަނޑުގެ ފިނިކަން ދަށްވާވަރާ އަޅާބަލާއިރު ފަރަގު ކުޑަވެއެވެ. އެހެންކަމުން އާންމު ވައިގެ ހޫނުމިނަށްވުރެ އިޙްސާސްކުރެވޭ ހޫނުމިން މަތިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ދުވަހުގެ ހޫނުމިން އާންމު ގޮތެއްގައި އެންމެ މައްޗަށް ދާނީ މެންދުރުފަހު 14:00 ހާއިރު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.
އެހެންވުމުން އާންމު ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވެގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. އޭޕްރީލް މަހަށް ލަފާކުރެވޭ ގޮތުން ވެސް އާންމު ގޮތެއްގައި ހުންނަވަރަށް ވުރެެ ފިނިހޫނުމިން މަތިވުމުގެ ފުރުސަތު ބޮޑުކަމަށް ދައްކާ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ހޫނު ގަދަ ވަގުތު ތަކުގައި ކުޑަކުދިން ބޭރަށް ނުގެންދިއުމަށް ސަމާލުކަން ދޭންޖެހެއެވެ. އަދި ކޮންމެހެން ބޭރަށް ދާންޖެހިއްޖެ ޙާލަތެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ހޫނުގަދަ ވަގުތުގައި ބޭރުގަ އުޅޭވަގުތު މަދުކުރަންވާނެއެވެ. ތުއްތު ކުއްޖާއަށް ގިނައިން ދިޔާތަކެއްޗާއި ފެން ދިނުމަށް ސަމާލުވާންޖެހެއެވެ.

