
އިސްލާމީ ޤައުމުތަކުގެ ތެރެއިން ޙާފިޡުންގެ އަދަދު އެންމެ ގިނަ ޤައުމަށް ރާއްޖެ ހެދުންކަމަކީ އަމާޒެއް: ވަޒީރު ޝަހީމް
ދުރު ރާސްތާ އަމާޒަކީ އިސްލާމީ ޤައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން ޙާފިޡުންގެ ޢަދަދު އެންމެ ގިނަ ޤައުމަށް ދިވެހިރާއްޖެ ހެދުންކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އާދިއްތަ ދުވަހުގެ ރޭ ބޭއްވުނު ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ޢަދަދަކަށް ޙާފިޡުން ދަސްވެނިވާ އަހަރުކަމަށާއި ދިވެހިރާއްޖޭގައި ޙާފިޡުންގެ އަދަދު މިހާރު 301 އަށް އަރާފައިވާކަމަށެވެ. އަދި އަމާޒަކީ މި 5 އަހަރުގެ ތެރޭގައި ޙާފިޡުންގެ އަދަދު 500 އާއި ހަމައަށް ގެންދިއުމަށް މަސައްކަތް ކުރުންކަމަށާއި ވުޒާރާގެ ދުރު ރާސްތާ އަމާޒަކީ އިސްލާމީ ޤައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން ޙާފިޡުންގެ ޢަދަދު އެންމެ ގިނަ ޤައުމަށް ދިވެހިރާއްޖެ ހެދުންކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާފައިވެއެވެ.
ވަޒީރު ވިދާޅުވީ، ކީރިތި ޤުރުއާނަށް ޚިދުމަތް ކުރުމާއި، ކީރިތި ޤުރުއާން ހިތުދަސް ކުރުމުގެ ކަންތައްތައް މުޅި ރާއްޖެއަށް ފެތުރުމުގައި ދިވެހިރާއްޖެ ދެކެމުން މިދަނީ ވަރަށް ހެޔޮ ދުވަސްތަކެއްކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި މިގޮތުން 2026 ވަނަ އަހަރުގައި 50 ގޮފި އުފެއްދުމަށް މަސައްކަތް ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ތެރެއިން 6 ގޮފި ރަޖިސްޓްރީކުރެވިފައިވާއިރު، 34 ގޮފި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ޖީލުތަކަށް އިސްލާމީ ރިސާލަތު ވާޞިލްކޮށްދިނުމަށްޓަކައި އަދުގެ ޒުވާން ޖީލު ޙާފިޡުންގެ ގޮތުގައި އަދި އިމާމުންގެ ގޮތުގައި، ތެދުވަން ޖެހޭކަމަށް ވިދާޅުވެ ޒުވާނުންނަށް އެކަމަށް އިލްތިމާސްކުރެއްވިއެވެ. އަދި އުއްމަތް ބިނާކުރުމުގައި އަދި ޤައުމު ބިނާކުރުމުގައި އަދި އަޅުގަނޑުމެންގެ ޤައުމު ތާއަބަދަށް އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން މިފަދަ ޙާފިޡުން ބިނާ ކުރަން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރޭ ބޭއްވި ޙާފިޡުންގެ ދަސްވެނިވުމުގައި 31 ޙާފިޡުން ވަނީ ސަނަދު ޙާސިލްކޮށްފައެވެ. މިއާއެކު ރާއްޖޭގައި މިވަގުތު ތިބި ޙާފިޡުންގެ އަަަދަދު ވަނީ 301 އަށް އަރާފައެވެ.

