އެމްއޭސީއެލް އިން އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް އެވޯޑެއް ދީފި
ރާއްޖެ

އެމްއޭސީއެލް އިން އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް އެވޯޑެއް ދީފި

February 15, 2026

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން, "ވެލާނާ އެވޯޑްސް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ދީފި އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި މަރުހަބާ ވިދާޅުވީ އެމްއޭސީއެލްގެ ޗީފް އޮޕަރޭޓިން އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު އެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ ބޯރޑް މެންބަރުންނާ، އިސްވެރިންނާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ވެލާނާ އެވޯޑްސްއަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް, އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ކަނޑައާޅާފައިވާ އެވޯޑެކެވެ.

މި އަހަރުގެ އެވޯޑް ރަސްމިއްޔާތުގައި 3 ދާއިރާއަކުން 22 އެވޯޑް ވަނީ ދީފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވީ, ވެލާނާ އެވޯޑްސްއަކީ ހަމައެކަނި ދޭ އެވޯޑެއް ނޫން ކަމަށާއި އެއީ އެމްއޭސީއެލް އާއެކު ކޮންމެ ދުވަހަކުވެސް ސާބިތުވެ ތިއްބަވާ ކުންފުނީގެ ޕާޓްނަރުން, އެ ބޭފުޅުން ކުރައްވާ މަސައްކަތުގެ އަގުވަޒަންކޮށް, އެކުގައި ހޯދާ ކާމިޔާބީގެ އުފާފާޅުކުރުން ކަމަށެވެ.

އެގޮތުން އޮޕަރޭޝަނަލް ކުރިއެރުމަކީ ކާމިޔާބީ މިނެކިރާ އެންމެ މުހިންމު އެއް މިންގަނޑެވެ. ނަމަވެސް އަޅުގަނޑުމެންނަށް ކުރިއެރުމަކީ ހަމައެކަނި ޢަދަދުތަކެއް ނޫން ކަމަށާއި އެއީ އޭގެ ސަބަބުން އަންނަ ހެޔޮ ބަދަލު ކަމަށްވެސް ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވި އެވެ.

ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު އިތުރަށް ވިދާޅުވީ, ކޮންމެ އަހަރަކުވެސް ފަތުރުވެރިކަން ކުރިއަރުވައި ފުޅާކުރުމަށާއި ކާގޯ އޮޕަރޭޝަންތައް އިތުރުކުރުމަށާއި ގައުމުގެ އިގުތިސާދު ވަރުގަދަކުރުމަށް މުހިންމު ލަނޑުދަނޑިތަކެއް ސަރުކާރުން ކަނޑައަޅުއްވާ ކަމަށާއި އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެއާލައިންތަކާއެކު ވަރުގަދަ ގުޅުމެއް ބޭނުންވާ ކަމަށެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު