ނައިމާގެ މަރާއި ގުޅިގެން ހައްޔަރުކުރި ފަވާޒްގެ ބަލި ހާލަތު ހުރިގޮތުން ބަންދަށް ލުއި
ރާއްޖެ

ނައިމާގެ މަރާއި ގުޅިގެން ހައްޔަރުކުރި ފަވާޒްގެ ބަލި ހާލަތު ހުރިގޮތުން ބަންދަށް ލުއި

އއައިނީ
March 17, 2026

ނ. މަނަދޫގައި 2023 ވަނަ އަހަރު މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި މާލެއިން ހައްޔަރުކުރި ޙަސަން ފަވާޒުގެ ބަލި ހާލަތު ހުރިގޮތުން، ޝަރުތުތަކާއެކު އެނާގެ ބަންދަށް ލުއިދިނުމަށް ޕްރޮސެކިއުޓަރު ޖެނެރަލް އޮފީސް (ޕީޖީ)އިން އެދުމުން، ކްރިމިނަލް ކޯޓުން ލުއިދީފިއެވެ.

ފަވާޒް ސިއްހީ ހާލަތާ ގުޅިގެން އޭނާ ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން 9 މާރިޗު 2026 ދުވަހު ޕީޖީގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.

ލުއި ދޭން ހުށަހަޅާފައިވަނީ ޙަސަން ފަވާޒުގެ ބަލި ޙާލަތާ ގުޅިގެން ޑޮކްޓަރުން ދީފައިވާ ލަފަޔާއި، ބަލީގެ ޙައްސާސްކަމަށް ރިޢާޔަތްކޮށް، ޙަސަން ފަވާޒަށް ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ލިބިދީފައިވާ ދިރިހުރުމުގެ ޙައްޤު ރައްކާތެރިކުރުމަށް އަޅާ ޚާއްޞަ ފިޔަވަޅެއްގެ ގޮތުންކަމަށް ޕީޖީން ބުނެއެވެ.

އެ ޝަރުތުތަކަކީ ބަންދުން ދޫކޮށްލާފައި ހުންނައިރު ޤާނޫނާ ހިލާފު އެއްވެސް އަމަލެއް ނުކުރުމާއި އިތުރު ކުށެއް ނުކުރުމާއި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވުމާއި ބޭސްފަރުވާ ހޯދުމަށް ފިޔަވައި ރޭގަނޑު 18:00 އިން ހެނދުނު 8:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުމާއި ބޭސްފަރުވާ ހޯދުމަށް އެހެން ތަނަކަށް ހާޒިރުވާންޖެހޭ ޙާލަތް ފިޔަވައި އެނޫން ހުރިހާ ޙާލަތެއްގައި، ކޮންމެ ދުވަހަކު ހެނދުނު 8:00 އާ 12:00 އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުމާއި މާލެއިން ބޭރަށް ނުދިއުމާއި މައްސަލާގައި ހެކިބަސްދޭނެކަމަށް ޤަބޫލުކުރެވޭ އެއްވެސް މީހަކާ މުއާމަލާތު ނުކުރުމާއި، ބައްދަލު ނުކުރުމާއި، ހެކިންނަށް ނުފޫޒު ނުފޯރުވުމާއި ފަރުވާ ހޯދަމުންދާކަމުގެ ލިޔެކިއުންތައް ކޮންމެ 15 ދުވަހަކުން އެއް ފަހަރު ޕީޖީ އޮފީހަށާއި، ކްރިމިނަލް ކޯޓާ ހިއްސާ ކުރަމުންދިއުމެވެ.

ޕީޖީ އޮފީހުން ބުނީ އެ ޝަރުތުތަކަށް ފަވާޒް އެއްބަސްވެފައިވާތީ އާއި، އޭނާގެ ބަލި ހާލަތަށް ރިއާޔަތްކޮށް، އެ އޮފީހުން އެދިފައިވާގޮތަށް ގޮތަށް ޝަރުތުކޮށްފައި ބަންދުންދޫކޮށްލުމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށެވެ.

އަދި ބުނީ އެ ޝަރުޠުތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަރެކްޝަނުން އާއި ދިވެހި ފުލުހުންގެ ހިދުމަތުން ކަށަވަރު ކުރަމުން ގެންދާނެ ކަމަށާ އަދި އޭނާގެ މައްޗަށް ކޮށްފައިވާ ޝަރުތަކާ ހިލާފުވެއްޖެނަމަ، އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް ކޯޓުގައި އެދޭނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

6 އެޕްރީލް 2023 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނ. މަނަދޫ، އަންނާރުމާގޭގައި، ނަޢީމާ މޫސާ މަރާލި މައްސަލާގައި، ނ. މަނަދޫ، ވިނަރެސް، ޙަސަން ފަވާޒުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާ 30 ނޮވެންބަރު 2023 ގައި ކްރިމިނަލް ކޯޓަށް ވަނީ ހުށައަޅާފައެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި މައްސަލައިގެ ތަޙުޤީޤު މަރުޙަލާއިން ފެށިގެން ޙަސަން ފަވާޒު ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ޖަލު ބަންދުގައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު