ވިހަފަރު އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި
ނ. ވިހަފަރުގައި އެއަރޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މަޝްރޫއު ފައްޓަވައިދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗީޕް އޮޕަރޭޓިން އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު އާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް, މުޙައްމަދު ސަޢީދެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ކުރިއަށްދާނީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ހިއްކާ ބިން ހިމާޔަތްކުރުމުގެ މަސައްކަތެވެ. މި ފިޔަވަހީގެ ދަށުން ވިހަފަރުގެ 42 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ބިން ހިމާޔަތްކުރުމަށް 4,267 މީޓަރުގެ ރިވެޓްމަންޓް ޖަހާނެ އެވެ.
މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ 1,500 މީޓަރުގެ ރަންވޭއަކާއެކު އެއަރޕޯޓެއް ތަރައްގީކުރުމެވެ.
ނ. ވިހަފަރުގައި އެއަރޕޯޓެއް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅުއްވައި އިއުލާންކުރެއްވީ 2024 ވަނަ އަހަރުގެ މާރޗް މަހުގަ އެވެ. އަދި 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި, ނ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރުގެ ކުރީކޮޅު, އެއަރޕޯޓުގެ އަމަލީ މަސައްކަތް ފެށޭނެކަމުގެ ޔަގީންކަންދެއްވައިފަ އެވެ.
