
ކުންފުންޏެއްގެ އެކައުންޓުން 2 ލައްކައަށްވުރެ ގިނަ ރުފިޔާ ނެގި މައްސަލައިގައި ހިމެނޭ މީހަކު ކުށަށް އިއުތިރާފުވެއްޖެ
މީހެއްގެ ސޯޝަލް މީޑީޔާ އެކައުންޓުތައް ކޮމްޕްރޮމައިޒް ކޮށް އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައިގައި ހައްޔަރު ކުރި މީހަކު ކުށަށް އިއުތިރާފުވެއްޖެ އެވެ.
މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން 279600 އަށްވުރެ ގިނަ ފައިސާ ނަގާފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ގިނަ ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.
މި މައްސަލައިގައި ހިމެނޭ ހަތަރު މީހެއްގެ ބަންދު މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭގެން އެކަކު ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އެގޮތުން ކުށަށް އިއުތިރާފުވެފައިވަނީ ހދ. ވައިކަރަދޫ / ޕެރިމްރޯޒް، ޢަބްދުﷲ ނާފިޛް (39އ) އެވެ.
ބަންދު މުއްދަތު އިތުރުކުރުމަށް ބޭއްވި އަޑުއެހުމުގައި އޭނާ ބުނެފައިވަނީ، މި ހާދިސާގައި ބުނެފައިވާ ފައިސާ ނަގާފައިވާނެކަމަށާއި އަދި މި ފައިސާދެއްކުމަށް ބޭނުންވާކަމަށެވެ.
ޢަބްދުﷲ ނާފިޛްގެ އިތުރުން އިއްޔެ ބަންދު މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންގޮސްފައިވަނީ ގދ. ފިޔޯރީ / ހީނާމާގެ، އަލީ އިމްރާން (38އ)، މ. މާލޭގެއާގެ / މާލެ، މުޙައްމަދު ނުހާދު ޢަލީ (30އ) އަދި ގދ. ތިނަދޫ / ގުލްބަކާގެ، ޢަބްދުﷲ އިސްރާޤް (19އ) އެވެ.
މި އެންމެންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރީ 10 މީހުންނެވެ. އެއީ:
ލ. އިސްދޫ / ގުޑްލައިފް، މުޙައްމަދު ޙަސަން (59އ)
ސ. ހިތަދޫ / އުދަ، އަލީ ޢިރުފާނު އަޙްމަދުދީދީ (26އ)
ސ. ހިތަދޫ / ނަންރީތިގެ، ޢަލީ ޝިރާޒު (38އ)
ހދ. ވައިކަރަދޫ / ޕެރިމްރޯޒް، ޢަބްދުﷲ ނާފިޛް (39އ)
ގއ. ކަނޑުހުޅުދޫ / ފޫހިވާގެ، މުޙައްމަދު ޢަލީ (42އ)
މ. މާލޭގެއާގެ / މާލެ، މުޙައްމަދު ނުހާދު ޢަލީ (30އ)
ހއ. ކެލާ / ޕެނަމާ، މުޙައްމަދު ސިމާދު (38އ)
ގދ. ފިޔޯރީ / ހީނާމާގެ، އަލީ އިމްރާން (38އ)
ގދ. ތިނަދޫ / ގުލްބަކާގެ، ޢަބްދުﷲ އިސްރާޤް (19އ)
ކ. ހިންމަފުށި / މެޑޯޒް، މުޙައްމަދު އިބްރާހީމް (49އ)
އޭގެފަހުން މި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެ މީހުންނަކީ މުނާޛު ޖައުފަރު (24އ) ، މުހައްމަދު ނާއިޝް ނަބީލް (24އ) އަދި ހަސަން ވިއާމް (19އ) އެވެ.
މި އެންމެންވެސް މިވަގުތު ތިބީ ޖަލު ބަންދުގަ އެވެ. ކުންފުނީގެ ބެންކު އެކައުންޓުން 279600 އަށްވުރެ ގިނަ ފައިސާ ނަގާފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ފުލުހުން މީހުން ހައްޔަރުކޮށްފައިވަނީ ހިންމަފުށި، އައްޑޫ އަދި މާލެއިންނެވެ

